ނުހައްގުން ގެއްލުވާލި ވަޒީފާތައް 100 ދުވަހުގެ ތެރޭގައި އަނބުރާ ދެން ފަށަނީ

ނުހައްގު ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ ވަޒީފާ އަނބުރާ އިއާދަ ކުރުމުގެ މަސައްކަތް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖައްސާފައިވާ ކަންކަން މިއަދު ސަރުކާރުން އިއުލާން ކޮށްފައި ވާއިރު، އިންސާފު ހޯދައި ދިނުމަށް އެ މުއްދަތުގައި ރާވާފައިވާ ކަންކަމުގެ ތެރޭގައި ނުހައްގު ވަޒީފާއިން ވަކި ކޮށްފައިވާ ފަރާތްތަކުގެ ވަޒީފާ އަނބުރާ އިއާދަ ކުރުމުގެ މަސައްކަތް ފެށުން ހިމެނެ އެވެ. އަދި ނުހައްގުން ވަޒީފާ ބަދަލު ކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލު ކުރުމުގެ މަސައްކަތް ވެސް އެ މުއްދަތުގައި ފަށަން ހަމަޖައްސާފައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ހައްޔަރީންނާއި ސިޔާސީ ނުވަތަ ޒާތީ ސަބަބުތަކަށްޓަކައި ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި އަނިޔާ ދީފައިވާ ނުވަތަ މަރާލާފައިވާ ނުވަތަ ގެއްލުވާލާފައިވާ ނުވަތަ އަރުވާލުމަށް މަޖުބޫރު ކޮށްފައިވާ ފަރާތްތަކާއި މުދަލަށް ގެއްލުން ދެވިފައި ހުރި ހުރިހާ ރައްޔިތުންނަށް އިންސާފު ދިނުމުގެ މަސައްކަތް ވެސް 100 ދުވަސް ތެރޭގައި ފަށަން ހަމަޖައްސާފައިވެ އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކާއި ޒިންމާ ނުއުފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކުގެ މައްސަލަތައް ބެލުމާއި ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވެސް އެ މުއްދަތުގައި ކުރުމަށް ރާވާފައިވާ ކަންކަމެވެ. އަދި ހުރިހާ މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ އޮޑިޓް ހަދައި، އެތަންތަން ހަރުދަނާ ކުރުމުގެ މަސައްކަތް ފެށުމަށް ވެސް ހަމަޖައްސާފައިވެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ޖުވެނައިލް ޖަސްޓިސްގެ ގާނޫނެއް މަޖިލީހަށް ހުށަހެޅުމާއި ވަކި މީހަކަށް ނުވަތަ ބަޔަކަށް އަމާޒު ކޮށްގެން ހެދި ގާނޫނުތައް މުރާޖާ ކުރުމަކީ ވެސް 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައި ހުރި ކަންކަމެވެ.