ފުރަތަމަ ފްލެޓުގެ ޓެކްސް މައާފުވާ އިސްލާހު ތަސްދީގު ކުރައްވައިފި

ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނައިރު ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.


މި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ހަތެއްގަ އެވެ.

ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތެއްގެ ފްލެޓު ވިއްކާ ހާލަތުގައި އެއީ އަލަށް މީހަކު ގަންނަ ފްލެޓެއް ނަމަ، ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި އެއްވެސް ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެ މީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށް ނުބެލެވޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މީގެ އިތުުރުން، މިދިޔަ ހަފުތާގައި މަޖިލީހުން ފާސްކުރި މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ރައީސް ޔާމީން ވަނީ މިއަދު ތަސްދީގު ކުރައްވާފަ އެވެ.

އެއީ ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ފަންޑް މެނޭޖު ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލުތައް އެކުލަވާލުމަށް ހުށަހެޅި އިސްލާހެކެވެ. އެ ގޮތުން، އިސްލާހުގައިވާ ގޮތުން އިސްލާމިކް ފައިނޭންސަކީ ރާއްޖޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ދާއިރާއެއް ކަމުން ހިއްސާގެ ބާޒާރުގައި އިސްލާމިކް ސެކިއުރިޓީޒް ދޫކުރެވޭނެ މިހާރަށް ވުރެ ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަން ވަނީ ކަނޑައަޅާފަ އެވެ.