ކައުންސިލް އިންތިހާބުގައި އިއްތިހާދުގެ ތެރެއިން ވާދަކުރަން އެމްޑީޕީން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ތެރެއިން ވާދަކުރަން އެމްޑީޕީން މިއަދު ނިންމައިފި އެވެ.


މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ގޮތަށް ފާސްކުރީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރުމަށް ފަހު އެވެ. އެ ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)ގެ ތެރެއިން ކައުންސިލް އިންތިހާބުގައި ވާދަ ކުރާއިރު، ކުރިމަތިލާނެ ނިސްބަތާއި ދާއިރާތައް ކަނޑައަޅާނީ އެމްޑީޕީ އާއި އިއްތިހާދުގެ ލީޑަޝިޕުން މަޝްވަރާ ކުރުމަށް ފަހު ކަމަށް ގަރާރުގައިވެ އެވެ. އެކަމަކު، އެމްޑީޕީން ކުރިމަތިލާން އެއްބަސްވެވޭ ދާއިރާތަކަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންނެވެ.

މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ވަނީ އިންތިހާބުތަކުގައި އީ ވޯޓިން ބޭނުން ކުރާ ނަމަ ބައިވެރި ނުވާން ވެސް ނިންމާފަ އެވެ.

އެމްޑީޕީން އެ ގޮތަށް ފާސްކުރިއިރު، އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަނުން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރި އަށް ގެންދިއުމަށެވެ. އެކަމަކު އެ ސަރަހައްދުތަކެއް އަދި ކަނޑައެއް ނާޅަ އެވެ.