ސިއްދީގަށް ހަމަލާދިން މައްސަލާގައި ސުމިތުގެ ބަންދަށް ހަތް ދުވަސް

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތު)ގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ޖަހައިފި އެވެ.


އެ މައްސަލައިގައި ސިއްދީގު ބުނެފައި ވަނީ "ޖަޒީރާ ރާއްޖެ" ޖަހާފައިވާ ޓީ ޝާޓެއް ލައިގެން ހުރި މީހަކު ކްރިމިނަލް ކޯޓު ކުރިމަތިން އޭނާ އަށް ހަމަލާދީ ގައިން "ލޭ ދުއްވާލާފައިވާ" ކަމަށެވެ. އަދި، އިތުރަށް ހަމަލާދޭނެ ކަމަށް ބުނެ ފުލުހުންގެ ކުރިމަތީގައި ވެސް އޭނާއަށް އިންޒާރު ދީފައިވާ ކަމަށް ސިއްދީގު ބުނެފައިވެ އެވެ.

ސިއްދީގު އެ މައްސަލައިގައި ކޮށްފައިވާ ޓުވީޓު:

ސުމިތު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމުން އޭނާ ދޫކޮށްލުމަށް އެމްޑީޕީގެ ސަޕޯޓަރުން އަދި ބައެއް އިސް ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.

އެގޮތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ ސުމިތު ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ސުމިތު ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

ސިއްދީގަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ޕީޕީއެމުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާއި އޭގެ ތެރެއިން ސަރުކާރަށް ފާޑު ކިޔުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދޭ ހައްގެއް ކަމަށެވެ.