އިސް ކުރާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި: ޝާހިދު

ކުރިމަގުގައި ދިވެހި ހާރިޖީ ސިޔާސަތުގެ އެންމެ އިސް ތަނބުތައް ކަމުގައި ވާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި ރައްކާތެރި ކުރުމާއި ދުނިޔޭގެ އަމާންކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


އައު ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝާހިދު ވިދާޅުވީ ވެއަތުވެ ދިޔަ ފަސް އަހަރުގެ ސިޔާސަތު ބިނާވެފައި އޮތް ގޮތުގެ ސަބަބުން ރާއްޖެ ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި "ބާކީވެ، ބިކަވެފައި" ކަމަށެވެ.

ޝާހިދު ވިދާޅުވީ މީގެ ފަހުން ދިވެހި ހާރިޖީ ސިޔާސަތުގެ އަސާސް ކަމުގައި ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރަމުން ދިޔުން ކަމަށެވެ.

"އަޅުގަނޑުމެން ހާރިޖީ ސިޔާސަތުގެ އެންމެ އިސް ތަނބުތައް ކަމުގައިވާނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ބައިނަލްއަގްވާމީ ގޮތުން ކުރަމުންދާ މަސައްކަތްތަކުގައި ފުރިހަމަ އަށް ބައިވެރިވެ އެ މަސައްކަތްތަކުގެ އިސް ދައުރެއް އަދާ ކުރަން ފެށުން،" ޝާހިދު ވިދާޅުވި އެވެ.

"ހަމައެއާއެކު ބައިނަލްއަގްވާމީ ސުލްހައަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުން. އަދި ހާއްސަ ގޮތެއްގައި އިންޑިއާ ކަނޑުގެ ސުލްހަ އާއި ހަމަޖެހުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަވައްޓެރި ގައުމުތަކާއެކު ބައިވެރިވުން."

ޝާހިދު ވިދާޅުވީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އަންނަ ހަފުތާގައި ސަރުކާރުގެ ވަފުދެއް އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޗައިނާ، ޔޫއޭއީ އަދި ސައޫދީ އަރަބިއްޔާ އަށް ވެސް ސަރުކާރުގެ ވަފުދެއް ކުރިއަށް އޮތް ދުވަސްތަކުގައި ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖެ އިން ޗައިނާ އަށް ދަރާފައިވާ މިންވަރު އަދި ސާފުނުވާ ކަމަށެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓު ބާތިލު ނުކުރާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.