ފުރަތަމަ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާ އަށް

މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބޭފުޅުންގެ ޓީމެއް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.


ކުރީގެ ސަރުކާރުގައި ރާއްޖެއާ ގުޅުން ގޯސްވެފައިވާ އަވައްޓެރި އިންޑިއާއަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އިންޑިއާގެ ވެރިރަށް ދިއްލީއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. އެ ބައްދަލު ކުރެއްވުމުގެ މަގުސަދަކީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ބަދަހި ކުރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ ދަތުރުފުޅުގައި އިއްޔެ ފޮރިން ސެކެޓަރީއަކަށް އައްޔަން ކުރެއްވި ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަލީލާވެސް ބައިވެރިވެ ވަޑައިގަންްނަވަ އެވެ. އަދި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ ބޭއްވި ގާތް ގުޅުމުގެ ސަބަބުން ރާއްޖެއާ އިންޑިއާގެ ޒަމާންވީ ގުޅުން ގޯސްވެފައިވާއިރު މިސަރުކާރުން އެކަން ހައްލު ކުރާނެ ކަމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފަ އެވެ. ރައީސް ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގަތެވެ.

އައު ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި އިއްޔެ ޝާހިދު ވިދާޅުވީ މީގެ ފަހުން ދިވެހި ހާރިޖީ ސިޔާސަތުގެ އަސާސް ކަމުގައި ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރަމުން ދިޔުން ކަމަށެވެ.

"ހަމައެއާއެކު ބައިނަލްއަގްވާމީ ސުލްހަ އަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުން. އަދި ހާއްސަ ގޮތެއްގައި އިންޑިއާ ކަނޑުގެ ސުލްހަ އާއި ހަމަޖެހުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަވައްޓެރި ގައުމުތަކާއެކު ބައިވެރިވުން." ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދު ވިދާޅުވީ ގުޅުން ބަދަހި ކުރަން އިންޑިއާގެ އިތުރުން ޗައިނާ، ޔޫއޭއީ އަދި ސައޫދީ އަރަބިއްޔާ އަށް ވެސް ސަރުކާރުގެ ވަފުދެއް ކުރިއަށް އޮތް ދުވަސްތަކުގައި ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.