ކުރީ ސަރުކާރުގެ ބައެއް ވެރިންގެ ޝައުގުވެރިކަން މަޖިލީހަށް

ކުރީ ސަރުކާރުތަކުގައި ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހަށް އަމާޒުވެ، މަޖިލީސް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.


އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދެ ދާއިރާ އިތުރުކޮށް، ޖުމްލަ 87 މެމްބަރަކު ހޮވުމުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. ޕާޓީތަކުގެ ޓިކެޓް ހޯދައިގެންނާއި އަމިއްލަ ގޮތުން ވެސް އެ ދާއިރާތަކަށް ވާދަކުރާނެ ކަން ގިނަ ބަޔަކު އަންނަނީ އިއުލާން ކުރަމުންނެވެ.

ޝައުގުވެރި އެއް ބަދަލަކީ، ކުރީ ސަރުކާރުގައި ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބައެއް ބޭފުޅުންގެ ސިޔާސީ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވަން ނިންމެވުމެވެ. އަޑު ފެތުރިފައިވާ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅު ވެސް ދެން ކުރި އަށް ގެންދަވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ.

މަޖިލީހަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސިޔާސީ ކުރިމަގާ މެދު ގޮތެއް ނުނިންމަވާ ކަމަށާއި އެކަމަކު ކަންކަން އިސްލާހު ކުރުމުގައި މަޖިލީހަށް އަދާކުރެވޭނެ ދައުރު ބޮޑު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލީހަށް މިސްރާބު ޖައްސަވާފައިވާ އެއް ބޭފުޅަކީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ވާދަ ކުރައްވަނީ ކޮން ދާއިރާއަކުން ކަން ވިދާޅުނުވި ނަމަވެސް މަޖިލީހުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވަނީ، ޖަސްޓިސް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި އާދަމް ޝަރީފާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މަޖިލީސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ. ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހީމް ނިޔާޒް ވެސް ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް ވުރެން، ބޮޑަށް ވިސްނުން ގެންގުޅުއްވަނީ މަޖިލީހުގެ ތެރެއިން މަސައްކަތްޕުޅު ކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހަށް ނުކުންނަވާނެ ކަން އިއުލާން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސް މަގާމްތަކާއި މަޖިލީހުގައި އެކި ދާއިރާތައް މިހާރު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުންނާއި ކުރިން މަޖިލީސް މެމްބަރުކަން ކުރެއްވި ބޭފުޅުންގެ އިތުރުން ނޫސްވެރިން ވެސް ހިމެނެ އެވެ.

މަޖިލީސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ވާދަ ކުރުމަށް، ކުރިން އެއްބަސްވެފައި އޮތީ އެކުގަ އެވެ. ނަމަވެސް އެ ނިންމުމާ މެދު ޚިޔާލުތަފާތުވުންތަކެއް އުފެދި ގޮތްތަކެއް އަދި ކަނޑައެއް ނާޅަ އެވެ.

އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާންކޮށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހު 7 ގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެހެން ޕާޓީތަކުގެ ޕްރައިމަރީ އޮންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވި ބޭފުޅުންތަކެއް މަޖިލީހަށް ވާދަ ކުރައްވަން ނިންމެވިއިރު، މި ހިނގާ ދައުރަކީ މަޖިލީހުގެ ތާރީޚުގައި ވެސް އެންމެ މަދުން ޖަލްސާތައް ބާއްވައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ދައުރެވެ. މަޖިލީހުގެ ގާނޫނީ ބާރުތައް، ނިގުޅައިގަނެ، ގިނަ ޖަލްސާތައް ބޭއްވީ ސަރުކާރު ބޭނުންވާ ވަކި ކަންތައްތަކެއް ހާސިލްކުރުމަށެވެ. މިކަން ބޮޑުވެ، ހިނގި ހަމަނުޖެހުންތަކުގައި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެސް ކަނޑައެޅި އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.