ދޫނިދޫ ޖަލުގެ ހާލަތު ރައީސް ބައްލަވައިލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދޫނިދޫ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައި، އެތަނުގެ ގޮޅިތަކުގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.


ރައީސް އޮފީހުން ބުނީ، ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޖަލުގެ ހާލަތު ބެލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޒިޔާރަތުގައި، ސިޔާސީ ބޭފުޅުން ހައްޔަރު ކޮށްފައި ބައިތިއްބާ ގޮޅިތަކާއި ޖަލުގެ އާންމު އެހެން ގޮޅިތައް ބައްލަވައިލެއްވި ކަމަށެވެ.

"އަދި ޖަލުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ހުރި ކަންތައްތަކުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އޮޅުން ފިލުއްވައި، އެކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރާ މަޝްވަރާ ކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދޫނިދޫ ޖަލުގެ ހާލަތު ބެއްލެވުމަށް އެ ތަނަށް މިއަދު ވަޑައިގަތުމުން ފުލުހުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދޫނިދޫ ޖަލަށް ކުރެއްވި މި ޒިޔާރަތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގަތެވެ.

ދޫނިދޫ ޖަލުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބެއްލެވިއިރު، އެމަނިކުފާނަކީ ވެސް އެ ޖަލުގެ ތަޖުރިބާ ނުވަ ވަރަކަށް ދުވަސް ވަންދެން ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެކެވެ. މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެމަނިކުފާނު ހައްޔަރުކުރީ އޭރުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާއެއްގައި، އެ ހަރަކާތުގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާން ސަރަހައްދަށް ވަދެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވުމުންނެވެ. އެމަނިކުފާނު ހައްޔަރު ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އެމްޑީޕީން އޭރު ބުނެފައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ދޫނިދޫގައި ބަހައްޓާފައި ހުރީ އަވިދޭ ގޮޅިއެއްގައި ކަމަށެވެ.

އެމްޑީޕީން ބުނެފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން އެކަން ނުކުރާ ކަމަށެވެ. އާއިލާ އިން އެމަނިކުފާނަށް ފޮނުވި އަންނައުނު ހަވާލުކޮށްފައި ނުވާތީ، ބޭނުންފުޅު ކުރެއްވީ ހައްޔަރު ކުރި އިރު ތުރުކުރައްވައިގެން ހުންނެވި ގަމީހާއި ފަޓުލޫނު ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދޫނިދޫ ޖަލަށް ވަޑައިގެން ސިފައިންނާއި ފުލުހުންގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސްގެ އިތުރުން މި ސަރުކާރުގެ ބައެއް އިސް ވެރިންނަކީ ވެސް ދޫނިދޫ ޖަލުގެ އިތުރުން މާފުށީ ޖަލުގެ ތަޖުރިބާ ކުރައްވާފައިވާ އަދި ޖަލުގެ އަނިޔާވެރިކަމާ ދެކޮޅު ބޭފުޅުންނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހޯމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިމްރާން އެންމެ ފުރަތަމަ ވަޑައިގެން ހާލަތު ބެއްލެވި ތަނަކީ ވެސް ދޫނިދޫ ޖަލެވެ.