ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށްޓަކައި ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުމަށް ފަހު، އިތުރަށް ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ފޮނުވީ އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ އަޣުލަބިއްޔަތު އޮންނަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. އަދި އެ ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމުގައި ވަޒީރުންނަށް ރުހުން ދިނުމާ މެދު އެ ކޮމިޓީ އަށް ފެންނަ ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މި ހަފުތާގައި ހުށަހަޅާނެ ކަމަށް ބެލެވޭ އިރު، ވަޒީރުންނަށް އެ މަގާމުގައި ދެމި ތިއްބެވޭނީ، އެއިން ކޮންމެ ބޭފުޅަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި، އެ ވަގުތު ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން އެ ވަޒީރަކަށް ރުހުން ދޭން ފާސްވެއްޖެ ނަމަ އެވެ.

ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ. ނަމަވެސް، ކެބިނެޓްގެ ބައެއް ބޭފުޅުންނަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފް، އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރުހުން ހޯދުމަށް ވެސް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.