އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު ހާސިލްކުރެއްވި މަޝްހޫރު ފެހުންތެރިޔާ އަދި މައްޗަންގޮޅީ އަވަށުގެ ކުރިއެރުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މއ. ފެހިއަލިއާގޭ ޝަމީމާ ކަނބުލޭގެފާނު (ސަރަނގު ޝަމީމާ) މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
އާއިލާ މެމްބަރަކު ބުނީ ޝަމީމާ އަވަހާރަވިކަން އެނގުނީ ހޭފުޅުނުލައްވައިގެން ބެލުމުން ކަމަށެވެ.
ޝަމީމާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރީގެ ގަވަނަރު އަޒީމާ އާދަމާއި ޓީވީއެމްގެ ކުރީގެ މަޝްހޫރު އެނައުންސަރު އާމިލާ އާދަމް އަދި ބައެއް ފިލްމުތައް އުފައްދާފައިވާ ޑިރެކްޓަރު އަޝްހަރު ވަހީދުގެ މަންމަ އެވެ.
އާންމުންގެ ތެރޭގައި ޝަމީމާ އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތީ ފެހުމުގެ މަސައްކަތުންނެވެ. ވަރަށް ކުޑައިރު މައިންބަފައިން އަވަހާރަވެ، މާލޭގެ މަޝްހޫރު ފެހުންތެރިއެއް ކަމަށްވާ މަރްހޫމް ބޮޑުދާހިއްލާ ދޮންމަނިކުގެ ގޭގައި ކުޑައިރުގެ ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ އެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ސަބަބެވެ. އޭރުގެ ރަދުން މުހައްމަދު ފަރީދުގެ ގަމީސްކޮޅު ވެސް ފެއްސެވި ދޮންމަނިކުގެ ކައިރިން ދަސްކުރައްވައިގެން ޝަމީމާ އެންމެ ފުރަތަމަ ފެއްސެވީ ޝަމީމާގެ ބޭފުޅުންގެ ހެދުންތަކެވެ.
ފަހުން މަސައްކަތް ފުޅާކުރެއްވި އެވެ. އަދި 1986 ގައި ޓްރޭޑް މިނިސްޓްރީން ބޭއްވި ޖަރީކުރުމުގެ ކޯހެއްގައި ބައިވެރިވެވަޑައިގެން އޭގެ ތެރެއަށް ވެންނެވި އެވެ.
ޝަމީމާ ވަނީ "ސަރަނގު ޖަރީ"ގެ ނަމުގައި ކްލާހެއް ފައްޓަވައި ގިނަ ބަޔަކަށް މާ ޖަހަން ދަސްކޮށްދެއްވައިފަ އެވެ. އޭގެ ފަހުން ހެދުން ޖަރީކުރުމުގެ ކޯސްތައް ވެސް ހިންގެވި އެވެ.
ޝަމީމާ އަވަހާރަވި އިރު 6000 އެއްހާ މީހުންނަށް ފެހުމުގެ އެކި ދާއިރާތަކުގެ މަސައްކަތް ދަސްކޮށްދެއްވާފައިވެ އެވެ.
ފެހުމާއި ޖަރީގެ މަސައްކަތުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1993 ގައި، އިޖްތިމާއީ ހިދުމަތްކުރުމުގެ ދާއިރާއިން އިން އާއްމު ހިދުމަތުގެ އިނާމް 2007 ގައި، އޭނާއަށް ލިބިވަޑައިގަތެވެ.
މި އަހަރު ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވީ އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުންނެވެ.
ޝަމީމާ އަކީ މާފަންނު އަދި ވަކިން ހާއްސަކޮށް މައްޗަންގޮޅީ އަވަށް ކުރިއެރުވުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން 1979 ގައި މާލޭ ފަޅު ހިއްކުމާއި ހިލޭ ސާބަހަށް މާލޭ މަގުތައް ހެދުމުގެ މަސައްކަތް ރައްޔިތުން ކުރިއިރު އެންމެ ކުރީ ސަފުގައި އުޅުއްވި އެއް ބޭފުޅަކީ އޭނާ އެވެ.
ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ތައާރަފުކުރި "ކަނބުލޭގެފާނު"ގެ ލަގަބު 1980 ގައި ޝަމީމާއަށް ލިބިވަޑައިގަތީ، އިޖުތިމާއީ ކަންކަމުގެ ހަރަކާތްތައް ބޮޑުކަމުންނެވެ.
ޝަމީމާ އަކީ ޓްރޭޑް މިނިސްޓްރީން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވަމުން އައި އަތްތެރި މަސައްކަތުގެ މައުރަޒުތަކުން ވަރަށް ގިނަ ރަންވަނަ ހޯއްދެއްވި ބޭފުޅެކެވެ. އަދި މައްޗަންގޮޅީ އަވަށުން މައުރަޒުގައި ބައިވެރިކުރާ ތަކެތި ވެސް ހައްދަވައިދެއްވައި އަވަށުން މައުރަޒުގައި ބައިވެރިވާ މީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށް ދެއްވި އެވެ.
އޭނާ ދަންނަ މީހުން ސިފަކުރާ ގޮތުގައި ޝަމީމާ ފަދަ ހީވާގި މަސައްކަތްތެރިން އަދި އިޖުތިމާއީ ކަންކަމުގެ ހަރަކާތްތެރިން ފެންނާނީ ވަރަށް މަދުންނެވެ.