ސަރުކާރަށް 10 ދުވަސް: ތަރުޖަމާނެއް ނެތް!

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ރައީސްގެ ނިންމެވުންތަކާ ގުޅޭ މައުލޫމާތު ދެއްވާނެ ތަރުޖަމާނެއް އައްޔަން ކުރައްވާފައި ނުވާތީ ސަރުކާރާ ގުޅޭ މައުލޫމާތު ހޯދަން ދަތިވެ މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


އަލަށް ހަވާލުވާ ސަރުކާރުތަކުން އެންމެ ފުރަތަމަ ބޭފުޅުން އައްޔަން ކުރައްވާ މަގާމުތަކުގެ ތެރޭގައި ތަރުޖަމާންގެ މަގާމު ހިމެނެ އެވެ. ނަމަވެސް މި ސަރުކާރުން އަދިވެސް ތަރުޖަމާނެއް އައްޔަން ކޮށްފައި ނުވާއިރު ސަރުކާރާ ގުޅޭ މައުލޫމާތު މީޑިއާ އަށް ދެއްވާނެ ވަކި ހާއްސަ ބޭފުޅަކު ވެސް ނެތެވެ.

ހުވާ ކުރެއްވި ދުވަހު ރައީސް ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ އަށް ހަސަން އިސްމާއިލް އައްޔަން ކުރައްވައިފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ މީޑިއާއާ ވާހަކަ ދައްކަވާނީ އޭނާ ނޫން ކަމަށެވެ. މި ވަގުތު ޗުއްޓީއެއްގައި ހުންނެވި ހަސަން ވިދާޅުވީ ވަރަށް އަވަހަށް ތަރުޖަމާނެއް އައްޔަން ކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ގުޅުމުން ވެސް ވިދާޅުވަނީ މީޑިއާއަށް މައުލުމާތު ދެއްވާނީ އެ ބޭފުޅުން ނޫން ކަމަށެވެ. އެހެންކަމުން ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރާ ހަބަރުތަކުގެ އިތުރުން ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތެއް ނުވެ އެވެ. ނޫސްވެރިން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަން މީޑިއާ ގުރޫޕުގެ ޗީފް އެޑިޓާ، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ހަބަރަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވާނެ ބޭފުޅަކު އައްޔަން ކުރައްވާފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ހިރިގާ ވިދާޅުވި އެވެ.

"ހަފްތާއެއް ވެއްޖެ މައުލޫމާތެއް ހޯދަން އުޅެ ނުލިބިގެން އުޅޭތާ. މި ސަރުކާރު އައީ ޓްރާންސްޕޭރަންސީކޮށް ކަންކަން ކުރާނެ ކަމާއި މައުލޫމާތު ފޯރުކޮށްދޭނެ ކަމުގެ ވައުދާއެކު. އެހެންކަމަށް ވާއިރު ސްޕޯކްސްޕާސަން ނެތުމަކީ ކަންބޮޑުވުމެއް،" ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ ވިދާޅުވި އެވެ.

ވީޓީވީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވެސް ވިދާޅުވީ ތަރުޖަމާނަކު އައްޔަން ކޮށްފައިނުވާތީ މައުލޫމާތު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ވޭދުވެދިޔަ ސަރުކާރުތަކުން އައްޔަން ކުރައްވާފައިވާ ތަރުޖަމާނުން ވަނީ މީޑިއާތަކާ ގާތްގުޅުމެއް ބާއްވަވައިފަ އެވެ. ސަރުކާރާއި ރައީސާ ގުޅޭ މައުލޫމާތުތައް ބަރާބަރަށް ދެއްވަމުން ގެންދެވި އެވެ.