ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ތަމްރީނުކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ތަމްރީން ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފަށައިފި އެވެ.


ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމަށް މަސައްކަތް ފެށުމުގެ ގޮތުން ޔޫތު މިނިސްޓްރީން މިހާރު ވަނީ އިންސްޓްރަކްޓަރުން ތަމްރީނު ކުރަން ހުޅުވާލައިފަ އެވެ. ސްޕޯޓްސް ކައުންސިލަރުން ހަމަޖެއްސުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ނިންމާފައިވާ ކަމެކެވެ.

ކަސްރަތު ކުރުމަށް މީހުންނަށް އެހީތެރިވުމަށް "ސްޕޯޓްސް ކައުންސިލާ"ގެ ނަމުގައި ކޮންމެ ރަށެއްގައި އުފައްދާ މަގާމަށް މީހުން ތަމްރީނު ކުރުމަށް ހިންގާ ކުރު މުއްދަތުގެ ކޯސް ހިންގާނީ މޯލްޑިވްސް ނޭޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް އިންނެވެ. އެ ކޯހަށް މީހުން ހޯދުމަށް ބުރާސްފަތި ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، ކޯސް ފަށަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ކޯހަށް ވަނުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު ހަތަރު ވަނަ ދުވަހެވެ.

ތިން ހަފުތާގެ މުއްދަތަށް ހިންގާ އެ ކޯސް ފުރިހަމަ ކުރާ މީހުންނަށް "ސެޓްފިކެޓް ވަން އިން ފިޓްނަސް އިންސްޓްރަކްޓާ" ލިބޭނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ކަސްރަތު ކުރުމާއި ދުޅަހެޔޮކަމާ ގުޅޭ އެހެން އާދަތަކަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެ މަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އުފާ ފާޅުކުރުމަށް ވެސް ބޭއްވީ ކުޅިވަރާއި ކަސްރަތުގެ ފެސްޓިވަލެކެވެ. "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ބޭއްވި އެ ހަރަކާތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ވެރިކަން ކުރާ ކޯލިޝަންގެ އިސް ބޭފުޅުން ބައިބެރިވަޑައިގަތެވެ.