ފުލުހުންގެ މުއައްސަސާ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފުރަތަމަ ފަހަރަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެން އެތަނުގެ އިސް އޮފިސަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، ފުލުހުންގެ މުއައްސަސާ އަކީ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދޭންޖެހޭ ތަނެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމަށާއި އިސްލާހު ކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން، އެމަނިކުފާނު އެތަނުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ފުލުހުންގެ މައި އިދާރާގައި އޮތް މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާއި ރައީސް އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެން އެތަނުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރައީސް ވަނީ ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޖަލުގެ ހާލަތު އިއްޔެ ބައްލަވައި ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް އޮޅުން ފިލުއްވައިފަ އެވެ.