ތުއްތު ކުއްޖާ އަށް ރައްކާތެރިކަން ކަށަވަރު ކޮށްދެން: ޖެންޑާ މިނިސްޓްރީ

ގދ. ވާދޫގައި އެ ރަށު އަންހެނަކު ވިހެއުމަށް ފަހު މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ތުއްތު ކުއްޖާ އަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.


ނަހަލާލަށް ބަލިވެ އިނދެ، ފާހާނާ ތެރެ އަށް ވިހެއުމަށް ފަހު އެ ތުއްތު ކުއްޖާ އޮތީ ކަޅު ބާލިދީއެއްގެ ތެރެއަށް ލައިފަ އެވެ. އަދި އެ ތުއްތު ކުއްޖާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވިހެއުމަށް ފަހު ތުއްތު ކުއްޖަކު އެއްލައިލި މައްސަލައެއް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އާއިލާ އާއި ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޖެންޑާ މިނިސްްޓްރީން ވަނީ ކުއްޖާގެ ފޮޓޯ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.