މިނިސްޓަ އާތިފާ، ފްލެޓްތައް ބައްލަވާލައްވައި ހައްލު ހޯއްދަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، އާއްމުންގެ ނުތަނަވަސްކަން ބޮޑުވެފައިވާ، ހިޔާ މަޝްރޫއުގެ މައްސަލަތަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތް ހައުސިން މިނިސްޓަރު އާތިފާ އިއްޔެ ފައްޓަވައިފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު އިރު، ހިޔާ މަޝްރޫއުން ފްލެޓް ދޫކުރުމުގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. ހުޅުމާލޭގައި، އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓްގެ މި މަޝްރޫއުން ފްލެޓް ލިބޭ މީހުން ހޮވީ، ބޭއިންސާފުން ކަމަށް ތުހުމަތުކުރަމުން ދަނިކޮށް، ގެޒެޓްކުރި ލިސްޓާ އެއްގޮތަށް، ބައެއް މީހުންނަށް ވަނީ ފްލެޓް ދޫކުރި ކަމުގެ ލިއުން ދޫކޮށްފަ އެވެ. އަނެއް ބަޔަކަށް ލިއުން ނުލިބިގެން ހައުސިން މިނިސްޓްރީ ދޮށުގައި ނުރުހުން ފާޅުކުރި އެވެ.

ފްލެޓް ލިބޭ މީހުން ހޮވުމުގައި އަމަލުކުރި ގޮތާ މެދު އުފެދުނު ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ވެސް ހިމަނާފައިވާ ކަމެކެވެ.

މިނިސްޓަރު އާތިފާ އިއްޔެ ވަނީ، ހުޅުމާލެ އަށް ވަޑައިގެން ހިޔާ މަޝްރޫއުގެ 7،000 ފްލެޓްގެ މަސައްކަތް ކުރި އަށް ދާ ގޮތް ބައްލަވާލައްވައިފަ އެވެ. އަދި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް ވެރިންނާ ބައްދަލު ކުރައްވައި، ހިޔާ މަޝްރޫއު އާއި ހުޅުމާލޭގައި ކުރި އަށް ދާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހޯއްދެވި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު މިއަދު ވަނީ ގުޅީފަޅުން ފްލެޓް ލިބުނު މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ޝަކުވާ ވެސް އަޑުއައްސަވައިފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ފްލެޓްތައް. --ފޮޓޯ/ސޯޝަލްމީޑިއާ

މި ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގައިވާ ގޮތުން، ފްލެޓް ހައްގުވެ، އެކަމަކު ބޭއިންސާފުން ކޮރަޕްޝަން ހިމެނޭ ގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅޭނެ އެވެ. އަދި ހަމަހަމަ އުސޫލުން ފްލެޓް ދޫކުރެވޭނެ އިންތިޒާމްތަކެއް ވެސް ހަމަޖައްސާނެ އެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކުރީގެ ސަރުކާރުގައި ދެ މަޝްރޫއުން ފްލެޓް ބެހީ، އެތައް ބައެއްގެ ހައްގު ނިގުޅައިގަތުމަށް ފަހު، ބޭއިންސާފުން ކަމަށް ކުރާ ތުހުމަތު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، ފްލެޓް މަޝްރޫއު ކުރިއަށް ގެންދިޔައީ އިންސާފުން، ދެ ފުށް ފެންނަ ގޮތަށެވެ. ޝަރުތު ހަމަވެ، ފްލެޓް ލިބިފައިވާ މީހުންގެ އަތުން އަތުލުމަކީ ބޭއިންސާފެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.