ލުއިތަކެއް ދީފި ނަމަ ޓިކެޓުގެ އަގު ހެޔޮކުރެވޭނެ: އައިއޭއެސް

އާ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ބައެއް ކަންތައްތަކުން ލުއިތަކެއް ލިބެން ޖެހޭ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.


ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު، ބޭރުގެ ބަައެއް ގައުމަތަކަށް ދަތުރުކުރުމަށް ވުރެ ވެސް ބޮޑުކަމުން، ގިނަ ބައެއްގެ ފާޑުކިއުމާ އަބަދުވެސް ކުރިމަތިވެ އެވެ.

އައިއޭއެސްގެ އޮފިޝަލް ވިދާޅުވީ ސަރުކާރުން އެ ކުންފުނީގެ ބައެއް ކަންކަމަށް ލުއިތަކެއް ދީފި ނަމަ މިހާރު ޓިކެޓު ވިއްކާ އަގު، 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވިދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމީ އެއާލައިނަށް ވާތީ މޯލްޑިވިއަންގެ މެންޑޭޓުގެ ތެރޭގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ހިމެނެ އެވެ. އެގޮތުން ދަތުރުކުރާ މީހުން މަދު ނަމަވެސް ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ޝެޑިއުލް ދަތުރުތައް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ،

އޮފިޝަލް ވިދާޅުވީ ބައެއް މަންޒިލްތަކަށް ޑިމާންޑް ނެތް ނަމަވެސް ޝެޑިއުލް ދަތުރުތައް ކުރަން ޖެހުމަކީ ޓިކެޓުގެ އަގު ބޮޑުކުރަން ޖެހޭ ސަބަބެއް ކަމަށެވެ.

ބައިނަލްއަގުވާމީ ދަަތުރުތަކުގައި ބޭނުންކުރާ މޯލްޑިވިއަންގެ ބޯޓެއް: މަހެއްގެ މައްޗަށް ބައި ލައްކަ މީހުން އެ އެއާލައިނުން ދަތުރުކުރޭ

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން އަންނަ "ފްލައިމީ" އާއި އަލަށް ފަށާ "މަންތާ އެއާ" އިން ވެސް ހުރިހާ މަންޒިލަކަށް ދަތުރުކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރުން މުހިންމެވެ. އޭރުން މާކެޓުގެ ވާދަވެރިކަން ބޮޑުވެ ޓިކެޓުގެ އަގު ހެޔޮ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮންނަ ގޮތުން އަމިއްލަ އެއާލައިންތަކުން ވަކި ސީޒަނަކަށް، ވަކި އެއާޕޯޓްތަކަކަށް ދަތުރުކުރަނީ. އެހެން ހެދީމަ އަޅުގަނޑުމެން ހުރިހާ އެއާޕޯޓަކަށް ދަތުރުކުރަން ޖެހޭ މީހުންނަށް ދަތިތަކާ ކުރިމަތިވޭ. ހަރަދު ބޮޑުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ވަކި މުއްދަތެއް ވަންދެން އެއާލައިންތަކުން ޑޮމެސްޓިކް ބައެއް އެއާޕޯޓްތަކަށް ޝެޑިއުލް ދަތުރުތައް ކުރަން ޖެހެ އެވެ. އައިއޭއެސްގެ އޮފިޝަލް ވިދާޅުވާ ގޮތުގައި ރާއްޖޭގެ އަވަށްޓެރި އިންޑިއާގައި ވެސް އެ އުސޫލު ގެންގުޅެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޯލްޑިވިއަންގެ ޓިކެޓް އަގު ހެޔޮކުރަން ތެލަށް ސަރުކާރުން ސަބްސިޑީއެއް ދެވިދާނެ އެވެ.

"ތެލަށް ރަނގަޅު ސަބްސިޑީއެއް ލިބިއްޖެ ނަމަ ޓިކެޓުގެ އަގުތަކަށް ރަނގަޅު ބަދަލެއް ގެނެވޭނެ. އެއީ އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅު،" އެ އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވިއަން ފްލައިޓެއް ފުރަން ތައްޔާރުވެފަައި: ޓިކެޓްގެ އަގު ހެޔޮކުރަން ސަރުކާރުގެ އެހީ ބޭނުންވޭ

ޓިކެޓް އަގުހެޔޮކުރަން ސަރުކާރަށް ދެވިދާނެ އަނެއް އެހީއަކީ، އޭނާ ވިދާޅުވާ ގޮތުގައި، މޯލްޑިވިއަންގެ ބޯޓުތަކުގެ މަރާމާތަށް ގެންނަ ތަކެތީގެ ޑިއުޓީ ކުޑަކުރުމެވެ.

އައިއޭއެސްއަށް އާ ސަރުކާރުން މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށްފައި ނުވާތީ، ޓިކެޓް އަގުހެޔޮކުރުމުގެ މަސައްކަތްތަކެއް އަދި ނުފެށެ އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އެކުލަވާލި ޓްރާންސިޝަން ކޮމެޓީތަކުގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ ކަންކަން ބެލެހެއްޓި ކޮމެޓީގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އައިއޭއެސްއަށް ބޮޑު ފައިދާއެއް ލިބޭ ކަމަށެވެ.

އެ ކުންފުނިން އޮޕަރޭޓް ކުރާ ތިން އެއާޕޯޓްގެ ތެރެއިން ދަރަވަންދު އާއި އިފުރު އެއާޕޯޓުން ފައިދާ ވަމުން އަންނަ އިރު ގެއްލުމުގައި ހިންގަނީ ތިމަރަފުށީ އެއާޕޯޓް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ ގޮތުގައި ޓިކެޓުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ އެވެ.

"އައިލެންޑް އޭވިއޭޝަންގެ ފައިދާ ވަރަށް ބޮޑު. އެހެންވީމަ ޓިކެޓު އަގުހެޔޮ ކުރެވޭނެ ކުންފުންޏަށް ގެއްލުން ނުވާވަރަށް،" އޭނާ ވިދާޅުވި އެވެ.

މަހެއްގެ މައްޗަށް މޯލްޑިވިއަން އިން އެކި މަންޒިލްތަކަށް 50،000 މީހުން އުފުލަ އެވެ. އެކަމަކު އޭގެ ތެރެއިން ނިސްބަތުން ޓިކެޓްގެ އަގު ހެވީ އެންމެ ތިން މަންޒިލަށް ކަމަށްވެ އެވެ.