އަދީބަށް ފާރަވެރިވާން ޖެހޭ، އެއީ ނުރައްކާތެރި މުޖުރިމެއް: ކުރީގެ ޕީޖީ މުއިއްޒު

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން ރޭ އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާއިރު، އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ގޭގައި ހުންނަވާއިރު ސަމާލުވެ އޭނާގެ ކަންކަން ފުލުހުން މޮނީޓާ ކުރަން ޖެހޭނެ ކަމަށެވެ.

އަދީބާ ގުޅޭ ގޮތުން މުއިއްޒު ކުރެއްވި ޓްވީޓް--

އެ ޓްވީޓާ ގުޅިގެން ސުވާލު ކުރުމުން މުއިއްޒު "މިހާރު" އަށް ވިދާޅުވީ އަދީބަށް ވެސް ބޭސް ފަރުވާކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. ނަމަވެސް އޭނާއާ ދޭތެރޭ ވިސްނަންވާނީ ނުރައްކާތެރި މުޖުރިމެއްގެ ގޮތުގައި ކަމަށް، މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން މުއިއްޒު ވިދާޅުވީ، އަދީބު ގޭގައި ހުންނަވާ އިރު އޭނާ ބައްދަލުކުރައްވާ މީހުންނާއި ކުރައްވާ ކަންކަމާ މެދު ވަރަށް ރަނގަޅަށް ފާރަވެރިވެ ފުލުހުން ބަލަން ޖެހޭނެ ކަމަށެވެ.

"މިއީ ސަމާސާ މީހެއް ނޫން. ރާއްޖޭގައި ނެތް ވަރުގެ ނުރައްކާތެރި ބޮޑު މުޖުރިމެއް ކަމަށް ބަލަން ޖެހޭ. މީގެ ބޭނުން ހިފައި އޭނާ ފައިސާ ފޮރުވުމަށް މަސައްކަތް ކޮށްފާނެ. ނޫނީ ފައިސާ ދޭން މަސައްކަތް ކޮށްފާނެ. ފުލުހުން ޖެހޭ ވަރަށް ބޮޑަށް ފާރަވެރިވާން،" ތަޖުރިބާކާރު ވަކީލް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތަށް ހިޔާނާތްނުވާ ވަރަށް ހިޔާނާތް ވެފައިވާ މީހެއް. އޭނާއާ ދޭތެރޭ ވަރަށް ސަމާލުވާން ޖެހޭ."

ކުރީގެ ޕީޕީ މުއިއްޒު ހައި ކޯޓުން ނުކުމެ ވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު

އަދީބަށް ފަރުވާ ދޭންވީ ގޭގައި ބަހައްޓައިގެންތޯ ނުވަތަ ޖަލުގައިތޯ، އެ ބަހުސް ކުރައްވަން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގޭ ބަންދަށް ބަދަލުކުރުމުން އަދީބު ހުންވާ ގޭ ދޮށުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދީބު ހޮސްޕިޓަލުގައި އޮންނެވި އިރު އެ ކޮޓަރި ތެރޭގަ އާއި ބޭރުގައި ކަރެކްޝަންސްގެ ގާޑުން ތިއްބެވެ.

ދާދި ފަހުން އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނައްތާލަން އޮޕަރޭޝަނެއްކުރި އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށް ވެސް އޭނާ ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ހިޔާނާތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް އައި، ކުރީގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު 2015 ގެ އޮކްޓޯބަރު މަހުން ފެށިގެން ގެންގުޅުނީ ޖަލުގަ އެވެ.

ޔާމީން ސަރުކާރުގެ ކޮރަޕްޝަން އަމަލްތަކުގައި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަކީ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެކަމަށް ހާއްސަ ކޮމިޝަނެއް މިހާރު ވަނީ އުފައްދަވައިފަ އެވެ. އެ ކޮމިޝަނަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.