ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަން ފާސްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އޮތްތޯ ބެލުމަށް، އެ ބޭފުޅުންނަށް ރުހުން ދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


ޕީޕީއެމާއި އެމްޑީއޭގެ އަޣުލަބިއްޔަތު އޮންނަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެގޮތަށް ފާސްކުރީ، ވަޒީރުންނާ ގުޅޭ ގޮތުން ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ އޭސީސީން ހޯދައިގެން ނޫނީ އެބޭފުޅުންނަށް ރުހުން ދިނުމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުން މިއަދު ދެކޮޅު ހެއްދެވުމުންނެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލާއިރު، އެ ކޮމިޓީގެ ބައެއް މެމްބަރުންގެ ޚިޔާލު ތަފާތުވުންތަކާ ހުރެ، ރުހުން ދިނުމާ މެދު އަދި ގޮތެއް ނުނިމެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓުގެ ހުކުމެއް ބައްލަވަނީ. ---- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ ކޮމިޓީގައި ހަތަރު ފަހަރެއްގެ މަތިން އެޖެންޑާކޮށްފައިވެ އެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ދެ ފަހަރެއްގެ މަތިން ބޭއްވި އެވެ. އެކަމަކު، މިއިން އެއްވެސް ބައްދަލުވުމެއްގައި ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނުނިންމުނެވެ.

ކޮމިޓީގައި ތިއްބެވި، ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެބޭފުޅުންގެ އެއްވެސް މައްސަލައެއް، އޭސީސީގައި އޮތްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެކަންކަން ނުބަލައި، ވަޒީރުންނަށް ރުހުން ދިނުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އޮތް ބައްދަލުވުމުގައި ވަނީ އޭސީސީ މެދުވެރިކޮށް އެ މައުލޫމާތުތައް ހޯދަން ފާސްކޮށްފަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަތް މައްޗަށް ހިއްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ، ކުރިއަށް އޮތް މުސްތަގުބަލަށް ބަލާފައި، ވަޒީރުންނާ ގުޅޭ މައުލޫމާތުތައް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަޒީރުންނާ ވަރަށް ބޮޑެތި ޒިންމާތަކެއް ހަވާލުކުރާ އިރު، މާޒީގައި ހިނގި ކަންކަން ތަކުރާރުވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ މަޖިލީހުގައި ވަޒީރުން ޒިންމާދާރު ނުކުރެވުމުގެ ސަބަބުން ރައްޔިތުންނާއި ބައިތުލްމާލަށް އެތައް ގެއްލުންތަކެއްވީ. އެހެންވީމާ އަޅުގަނޑުމެން ސަރުކާރެއްގައި އެގޮތަކަށް ވާން ބޭނުމެއް ނޫން،" އެމްޑީޕީގެ މެމްބަރު ފަލާހް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން، އެބޭފުޅުން އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރަކަށް ހުންނެވިތޯ ބަލަން ޖެހޭ ކަމަށެވެ. ވަޒީރަކު، ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ މަގާމެއް ފުރައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކޮން ބަޔަކުތޯ ތިބީ ބަލަން. އިކޮނޮމިކް މިނިސްޓްރީން ސާފު ކުރަން ޖެހޭ ވަޒީރުންގެ ކުންފުނިތަކެއް، ޕާޓްނަޝިޕެއް ހުރިތޯ ވިޔަފާރިއެއް ހުރިތޯ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ވަޒީރުންނާ ގުޅުން ހުރި މައުލޫމާތުތައް ގެނައުމަށް ތާއީދު ކުރާ ކަމަށެވެ. އަދި ޕީޕީއެމުން ވެސް ބޭނުންވަނީ މައުލޫމާތު ކޮމިޓީއަށް ގެނެސްގެން ވަޒީރުންނާ ގުޅޭ މައުލޫމާތުތައް ސާފު ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލިސް، މަޖިލީހުގެ ގޮތުގައި ހިނގާތަން ރައްޔިތުންނަށް ފެންނަން ބޭނުންވާ ކަމަށެވެ. އަދި މަޖިލީހަކީ ރައްޔިތުން އިތުބާރު ކުރެވޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަންތަކެއް ފޮނުވީމަ އޭގެ މާނައަކީ ބެލުމެއް، ކެހުމެއް ނެތި އެޕްރޫވް ކުރުމެއް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.

ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފް، އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ބަންޑާރަ ނައިބަކަށް އައްޔަން ކުރެއްވީ އިބްރާހިމް ރިފްއަތެވެ.