ޕީޕީއެމްގެ ޓިކެޓު ދޭނެ ބޭފުޅުން ކަނޑައަޅަން ކޮމިޓީއެއް

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ކޮމިޓީއެއް ނަގައިފި އެވެ.


ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު) "މިހާރު" އަށް ވިދާޅުވީ އެ ކޮމިޓީގެ މަސްއޫލިޔަތަކަށް ވާނީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ވެސް އެ ޕާޓީން ޓިކެޓު ދިން އުސޫލުން، އިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުންނަށް މާކްސް ދީގެން ގޮތެއް ނިންމުން ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ދިނީ ދާއިރާތަކުން އެ ޕާޓީގެ ޓިކެޓު ހޯދުމަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުތުތައް ބަލައި މާކްސް ދިނުމަށް ފަހު އެވެ. މާކްސް ދިނުމުގައި، ޕާޓީގައި ހޭދަކުރި މުއްދަތާއި އަދާކުރެއްވި މަގާމުތަކަށް ބަލަ އެވެ. ޕްރައިމަރީ އަކަށް ދަނީ ކޮމިޓީން ކަނޑައަޅާ ވަރަކަށް މާކްސް ނުލިބޭ ކެންޑިޑޭޓުން ތިބި ދާއިރާތަކުންނެވެ.

"އަޅުގަނޑުމެން ޓިކެޓް ދޭނެ ގޮތުގެ ތަފްސީލް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ތިޔަބޭފުޅުންނަށް [މީޑިއާއަށް] ހާމަކުރާނަން. މިއަދު ނިންމީ އެ މަސައްކަތް ކުރާނެ ކޮމިޓީއެއް،" މުންދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓު ދޭނެ އުސޫލާ އެކު، އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ފުރުސަތު ދޭނެ ގޮތަކާ މެދު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މުންދު ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕާޓީގެ ގޮތުގައި އޮވެ، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމުން ވަނީ ގިނަ ގޮނޑިތަކެއް ހޯދައިފަ އެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކާއި ސަރުކާރު ބަދަލުވުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ ބޮޑުތަން ދަށް ވެފަ އެވެ. މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ހަމައަށް އެންމެ ބާރުގަދަ ޕާޓީގެ ގޮތުގައި ބަލަމުން އައި ޕީޕީއެމްގައި މިހާރު ތިއްބެވީ ރައްޔިތުންގެ މަޖިލިހަށް ނިސްބަތްވާ 29 މެމްބަރުންނެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ވެސް ޕީޕީއެމަށް ވަނީ ގެއްލިފަ އެވެ.

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދެއްވުމާ އެކު، މިހާރު މަޖިލިހުގެ ޖުމްލަ އަކީ 79 މެމްބަރުންނެވެ. އެމްޑީޕީ އާއި ޖޭޕީގެ 19 މެމްބަރުންނާ އެކު، މަޖިލިހުގައި ސަރުކާރު ކޯލިޝަން ތަމްސީކުރައްވާ ޖުމްލަ މެމްބަރުންގެ އަދަދަކީ 46 އެވެ.