ޖަޕާނުން ރާއްޖެ އަށް 40 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ކަނޑަށް އެޅޭ ތެލުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޖެޕެނީޒް ޔެން (40.9 މިލިއަން ރުފިޔާ) ރާއްޖެ އަށް ދިނުމުގެ އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.


ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ތެރެއިން މި ފައިސާ ދިވެހި ދައުލަތަށް ހަދިޔާ ކުރުމަށް ސޮއި ކޮށްފައިވަނީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުގެ ސަފީރު ކަޒޫމީ އެންޑޯ އެވެ.

ޖަޕާނު ސަރުކާރުން ހިލޭ އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުގެ ސަފީރު ކަޒޫމީ އެންޑޯ

ޖަޕާނަކީ ފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެފައިވާ ގައުމެކެވެ. އެގޮތުން މި އަހަރު ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޖަޕާނުން ވަނީ 2.7 މިލިއަން ޑޮލަރު (41 މިލިއަން ރުފިޔާ) ހަދިޔާކޮށްފަ އެވެ. އިގްތިސާދީ ދާއިރާއިންނާއި އިޖްތިމާއީ ދާއިރާ އިން ތަރައްގީގެ އެކިއެކި ކަންކަން ރާއްޖޭގައި ކުރިއެރުވުމަށް މިދިޔަ އަހަރު 34 މިލިއަން ރުފިޔާގެ އެހީ ޖަޕާނު ސަރުކާރުން ދީފައިވެ އެވެ. އަދި 2016 ވަނަ އަހަރު ޖަޕާނުން ވަނީ 5.4 މިލިއަން ޑޮލަރު (83 މިލިއަން ރުފިޔާ)ގެ އެހީ ދީފަ އެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުގެ އޭއެމް ސިގްނަލް ފޮނުވުމަށް ބޭނުންކުރާ އޭއެމް ޓްރާންސްމިޝަން އެންޓަނާ ފީލްޑް ކ.ތިލަފުއްޓަށް ބަދަލުކުރުމަށް ޖަޕާނު ސަރުކާރުން 50.8 މިލިއަން ދިވެހި ރުފިޔާގެ އެހީއެއް ދީފައިވެ އެވެ.