ބޮޑު އަޣުލަބިއްޔަތަކުން 19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުގެ 19 ވަޒީރުންނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ރުހުން ދީފި އެވެ.


މަޖިލީހުގައި ވަކިވަކިން ނެގި ވޯޓުގައި މަޖިލީހުގެ އެންމެ ގިނަ މެމްބަރުންގެ ރުހުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ރިފްއަތުގެ އިތުރުން އެމްޑީޕީ ސްލޮޓެއްގައި ވަޒީރު ކަމަށް އައްޔަން ކުރެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓަށް އައްޔަން ކުރެއްވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަމަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަނަށެވެ.

ފަސް ވަޒީރުންނަށް ރުހުން ދިނުމަށް 72 މެމްބަރުން އިއްތިފާގުވެވަޑައިގެންނެވި އެވެ.

ކެބިނެޓްގެ ވަޒީރުންގެ ތެރެއިން ދެން އެންމެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށެވެ. ދެ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް 71 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އެކަމަކު އަހުމަދު ޒާހިރަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް 70 މެމްބަރުންގެ އިއްތިފާގުން ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފަ އެވެ.

ވަޒީރުންގެ ތެރެއިން މެމްބަރުންގެ އެންމެ މަދު ވޯޓެއް ލިބިވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށެވެ. އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް 67 މެމްބަރުން ވޯޓު ދެއްވިއިރު، އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް 69 މެމްބަރުންގެ ވޯޓު، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމުނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް 68 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި ހުރިހާ ވަޒީރުންނަށް ރުހުން ދިން އިރު، އެބޭފުޅުންގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީން ވެސް ވަނީ ވަޒީރުންނަށް ރުހުން ދޭން ނިންމައިފަ އެވެ. އެކަމަކު، އޭގެ ތެރެއިން އަލީ ވަހީދާއި އާތިފާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރެއްވި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ވަޒީރުންނަށް ރުހުން ދީ، އެބޭފުޅުން ޒިންމާ އަދާކުރައްވާތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަޒީރުން ޒިންމާ އަދާކުރުމުގައި ނުކުޅެދޭނަމަ، އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ހުރިހާ ވަޒީރުންނަކީ ގާބިލް ބޭފުޅުންތަކެއް ކަމަށެވެ. އެހެންވެ، ގާނޫނާއި ގަވައިދުގެ ތެރެއިން ވަޒީރުން ޒިންމާ އަދާކުރެއްވުމަށް ވެސް ރިޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު، ކޮރަޕްޝަންގެ އަމަލެއް ހިނގައިފި ނަމަ، ވަޒީރުން ސަލާމަތް ކުރަން މަޖިލީހުގެ މެމްބަރުން ނުތިއްބަވާނެ ކަމަށާއި ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީކުރުވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ ވަޒީރުންނާ ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާކުރައްވަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ވަޒީރުން ގޯސް ކަމެއް ކުރާނަމަ، އެކަން ނުބަލައި މެމްބަރުން ނުތިއްބަވާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ. ނަމަވެސް، ކެބިނެޓްގެ ބައެއް ބޭފުޅުންނަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.