އެއްވެސް ވަކީލެއްގެ ހުއްދަ ނުގެއްލޭ ގޮތަށް ގާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރަނީ

ވަކީލުކަމުގެ ހުއްދަ މިހާރު އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާނެ ގޮތަށް ގާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.


އެޓާނީ ޖެނެރަލް އެގޮތަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނީ ޚިދުމަތުގެ ބިލް މިހާރު އޮތްގޮތުން ބައެއް ވަކީލުން ތިން އަހަރުގެ ތެރޭގައި އަލުން ޑިގްރީއެއް ހާސިލް ނުކޮށްފި ނަމަ، އެ މީހުންގެ ހުއްދަތައް ތިން އަހަރު ފަހުން ބާތިލްވާ ގޮތަށް އޮތުމުން އެކަމާ މެދު ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާ ގޮތަށް އެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭޖީ ރިފްއަތު ކުރެއްވި ޓްވީޓް

އެ ބިލް އޮތްގޮތުން ޝަރީއާ އިން އެކަނި ޑިގްރީ ހާސިލް ކޮށްފައިވާ ވަކީލުންނަށް ޖެހޭނީ ގާނޫނީ ދާއިރާއިން ތިން އަހަރުގެ ތެރޭގައި އަލުން ޑިގްރީއެއް ހާސިލް ކުރާށެވެ. އަދި މުއްދަތުގައި އެ ޑިގްރީ ފުރިހަމަ ނުކޮށްފި ނަމަ، އެ މީހުންގެ ވަކީލުކަމުގެ ހުއްދަތައް ބާތިލްވާނެ އެވެ.

ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭގޮތުން ސަރުކާރުން ހުށަހެޅި ގާނޫނީ ޚިދުމަތުގެ ބިލް އޮތްގޮތުން އެ ބިލް ގާނޫނަކަށް ވުމާ އެކު ވަކީލުން ރެގިއުލޭޓްކޮށް، ބަލަހައްޓާނީ ވަކީލުން އިންތިޚާބުކުރާ ބާ އެސޯސިއޭޝަނަކުންނެވެ. ވަކީލުންގެ ހުއްދަ ދިނުމާއި ސުލޫކީ މައްސަލަތައް ބެލުމާއި ގާނޫނީ ދާއިރާގެ މަތީ ތައުލީމުގެ ފެންވަރުތަކާއި ޝަރުތުތައް ކަނޑައެޅުމަކީ އެ އެސޯސިއޭޝަންގެ ޒިންމާ އެކެވެ.