ޣައްސާނާއި އާޒިމާ އާއި އިތުރު 18 މީހަކަށް ޕީޕީއެމްގެ ޓިކެޓް ދީފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި އިތުރު ބޭފުޅުންތަކަކަށް ޕީޕީއެމުން މިރޭ ޓިކެޓް ދީފި އެވެ.


ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓިކެޓް ހަވާލުކުރި ބޭފުޅުންގެ ތެރޭގައި އާޒިމާ އާއި ޣައްސާންގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ވެސް ވަނީ ޓިކެޓް ދީފަ އެވެ. ކާނަލް ވާދަކުރައްވަނީ ކާށިދޫ ދާއިރާއަށެވެ.

ޣައްސާނަށް ޓިކެޓް ދިނީ ތ. ގުރައިދޫ ދާއިރާ އަށް ވާދަ ކުރެއްވުމަށެވެ. ނ. ހޮޅުދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް އާޒިމާ އަށް ޓިކެޓް ދިންއިރު، ޝައިނީ އަށް ޓިކެޓް ދިނީ ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރުމަށެވެ. ނާޒިމް ވާދަކުރައްވާނީ ވޭތުުވެދިޔަ 24 އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރުއްވި ހިންނަވަރު ދާއިރާއަށެވެ.

މީގެ އިތުރުން ފ. ބިލެއްދޫ ދާއިރާ އަށް ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ ކުރީގެ މެންބަރު އަދި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީގް (ސައްޕެ) އާއި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާ އަށް ޒާހިދު ރަމީޒް (ނިއު ޕޯޓް) އާއި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު، އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާ އަށް މުހައްމަދު ލަތީފް (ވޮލީ ލަތީ) މައްޗަންގޮޅި އުތުރު ދާއިރާ އަށް، ޖަރުމަނުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި ސަފީރު ޖަމީލާ އަލީ ޚާލިދު އަދި އއ. މަތިވެރި ދާއިރާ އަށް ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކް ވާދަކުރަން ވެސް ވަނީ ޓިކެޓް ދީފަ އެވެ. މިރޭ ޓިކެޓް ހަވާލުކުރި ހުރިހާ ބޭފުޅުންނަށް ޓިކެޓް ދިނީ ޕްރައިމަރީއަކާ ނުލަ އެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނަށް ޕީޕީއެމް އިން ޓިކެޓް ދިންއިރު، މައުމޫނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ވެސް ޣައްސާން ހުންނެވީ ސަރުކާރުގަ އެވެ.

މީގެކުރިން ވެސް 24 ފަރާތަކަށް ޕީޕީއެމުން ވަނީ ޕްރައިމަރީއަކާ ނުލައި، ޓިކެޓް ދީފަ އެވެ. އެ ފަހަރު ޓިކެޓް ދިނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ފިޔަވައި، އެހެން މެމްބަރުންނަށެވެ. އެ ދެ މެމްބަރުންނަށް އަދި ޓިކެޓް ހަވާލެއް ނުކުރެ އެވެ. އެއީ ރީކޯ މޫސާ މަނިކާއި މުހައްމަދު ނަޝީދެވެ.

މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުރީގެ ސަރުކާރުގެ ދެ މިނިސްޓަރުން ކަމަށްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް އަދި ޓިކެޓް ހަވާލުކޮށްފައެއް ނުވެ އެވެ.