ހާލު ބޮޑުވި ތިން މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ

ގދ. އަތޮޅުގައި އެން ހިފަން ރޭ ފަތިހު ޑައިވްކުރި ތިން މަސްވެރިންގެ ތެރެއިން އެންމެ ހާލު ބޮޑުވި މީހާ ދެންމެ މަރުވެއްޖެ އެވެ.


ގދ. ގެ ރިސޯޓެއް ކަމަށްވާ ކޮނަންޓާ މޯލްޑިވްސް ކައިރިއަށް އަޑިޔަށް ދިޔަ މީހުންގެ ތެރެއިން މަރުވީ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 37 އަހަރުގެ އަމީތު ސައީދު އެވެ.

ސީރިއަސް ހާލަތެއްގައި މިހާރު އޮތް 24 އަހަރުގެ މަސްވެރިޔާ މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެކަމަކު ސިފައިން ބުނީ ކުއްލި ފަރުވާ ދޭން ޖެހުނު 31 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅަވަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް އެންގީ ރޭ ފަތިހު ފަހެއް ޖަހާކަންހާ އިރު ކަމަށްވެ އެވެ. އަދި ގދ. ތިނަދޫގައި އޮންނަ ސީ އެމްބިއުލެންސް އެ ސަރަހައްދަށް ގޮސް ހާލު ދެރަވި މީހުން ހެނދުނު ހައެއް ޖަހާކަންހާ އިރު ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް، އެމްއެންޑީއެފުން ބުނެ އެވެ.

"ހުޝިޔާރު" ދޯނިން ޖުމްލަ ހަތަރު މީހަކު ރޭ އެމަށް ފީނި އެވެ. އޭގެ ތެރެއިން އެކަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

މި މީހުން ވަނީ، އެމްއެންޑީއެފުން ބުނި ގޮތުގައި، 44 މީޓަރު އަޑިއަށް ފީނައި، 35 މިނިޓް ވަންދެން ހޭދަކޮށްފަ އެވެ.

އާންމުކޮށް އެމަށް ފީނާ މަސްވެރިން އޭގެ ތަމްރީން ހޯދާފައެއް ނުހުރެ އެވެ. އޭގެ ސަބަބުން އެތައް ބަޔަކު މިހާތަނަށް މަރުވެ، އަނެއް ބަޔަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.