ރައީސްގެ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ސަމީރު ހެނބަދު އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ނ. ހެނބަދު އަށް މިއަދު ވަޑައިގެންފި އެވެ.


މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބެއްގެ ގޮތުގައި މިނިސްޓަރަކު ރާއްޖޭގެ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ހެނބަދު އަށް ސަމީރު ވަޑައިގެންނެވީ، އެ ރަށުގައި ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެނބަދު އަށް ކުރައްވާ ދަތުރުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަމީރު "މިހާރު" އަށް ވިދާޅުވީ މި ދަތުރުގައި ހެނބަދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދަތުރުގެ ބޭނުމަކީ އާންމުންގެ ހުރި ޝަކުވާތައް އަޑުއެހުން ކަމަށް އޭނާ ވިދާޅުވި އެވެ.