ހައުސިން މިނިސްޓްރީގެ ބައެއް މަސައްކަތްތައް އައްޑޫ ކައުންސިލްގެ ދަށަށް ބަދަލުކޮށްފި

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތައް އަލުން ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އައްޑޫގައި ހައުސިން މިނިސްޓްރީން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް އަލުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ނަގައި، ކައުންސިލްތަކުގެ ދައުރު ހަނިކޮށް، ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ކުރަމުން ދިޔަ ވަރަށް ގިނަ މުނިސިޕަލް މަސައްކަތްތައް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އަދި އެކަމަށް ހާއްސަކޮށްގެން 2015 ގައި ވަނީ އައްޑޫގައި ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް، ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސްގެ ނަމުގައި، އުފައްދައިފަ އެވެ.

ހިތަދޫގައި ހުރި އެ ޑިޕާޓްމަންޓްގެ ޔުނިޓްތަކެއް ފޭދު އާއި ހުޅުމީދޫގައި ވެސް ހިންގަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ހައުސިންގެ ދަށުން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް އަލުން ކައުންސިލާ ހަވާލުކޮށްފައިވާކަން ރައީސް އޮފީހުގެ ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލާ ހަވާލު ކުރީ:

- މަގުތަކާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދު ކުރުން. - މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން. - ބަނދަރުތައް މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުން. - މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން - ޕެސްޓް ކޮންޓްރޯލް ކުރުން - އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަލުން ހަވާލުކުރި ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުވި ނަމަވެސް އެއްވެސް ހިދުމަތަކަށް ބުރޫނާރައި އަދި އެ ހިދުމަތްތައް ކުރިން ވެސް ދެމުން ދިޔަ އޮފީސްތަކުން ލިބެމުން ދާނެ ކަމަށެވެ.

ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި މުނިސިޕަލް ގިނަ ހިދުމަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެކަށީގެންވާ ގޮތަކަށް މަސައްކަތްތައް ނުހިނގައި އައްޑޫގެ އާންމު ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.