ވައުދުތައް ފުއްދަން 16 ބިލެއް މަޖިލީހަށް ހުށަހަޅާނަން: އޭޖީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ޓަކައި 16 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 10 ބިލެއް މިހާރު ވެސް ފޮނުވާފައިވާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.


އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވައުދުތައް ފުރިހަމަ ކުރުމަށް މަގުފަހި ކުރުމަށްޓަކައި މުޅިން އަލަށް ފަސް ބިލެއް އެކުލަވާލަން ޖެހޭ ކަމަށާއި އެކި ގާނޫނުތަކަށް އިސްލާހު ގެންނަން 11 ބިލެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

މިހާތަނަށް 10 ބިލެއް މަޖިލިހަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ. އަދި އެ އޮފީހުން ބުނީ އަނެއް ހަ ބިލް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ފައިދާއެއް ހޯދުމުގެ ގޮތން ހަދާފައިވާ ގާނޫނުތައް އިސްލާހުކުރަން ރައީސް އިސްކަން ދެއްވަ އެވެ. އެހެންކަމުން އެފަދަ ގާނޫނުތައް ދެނެގަތުމަށް އެ އޮފީހުގައި ހާއްސަ ކޮމެޓީއެއް އުފައްދައި މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ރާއްޖޭގައި އަމަލުކުރެވޭ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ އެއްގޮތް ކުރުމަށްޓަކައި އެ ގާނޫނުތައް މުރާޖާކޮށް، އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާ ގޮތުގެ މަތިން އިސްލާހުތައް ފާހަގަކޮށް ބިލްތައް އެކުލަވާލުން ހިމެނޭ،" ކަމަށް ބަޔާނުގައިވެ އެވެ.