އެމްޑީޕީއަށް ވަނުމަށް ދެ މަސް ތެރޭގައި 33،000 އަށް ވުރެ ގިނަ މީހުން ހުށަހަޅައިފި

އެމްޑީޕީގެ މެމްބަރަކަށް ވުމަށްޓަކައި މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 33،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 33،000 އަށް ވުރެ ގިނަ މީހުންގެ ފޯމު ލިބިފައިވާ ކަމަށެވެ. އެ ފޯމުތައް ޕްރޮސެސް ކުރުމަށް ފަހު މި މަހުގެ ފަހުކޮޅު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން، އެމްޑީޕީގެ ދަފުތަރުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ތިބީ 29،008 މީހުންނެވެ. މީގެ ކުރިން ވެސް މެމްބަރުން އެންމެ ގިނަ ޕާޓީ އަކީ އެމްޑީޕީ އެވެ. ނަމަވެސް މެމްބަޝިޕް ފޯމުގައި ފިންގަޕްރިންޓް ޖަހައިގެން ނޫނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމާ އެކު، އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވަނީ އީސީގެ ދަފްތަރުން އުނިވެފަ އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފުތަރުގައި މިވަގުތު 50،000 އެއްހާ މީހުން އެބަ ތިއްބެވެ. މިހާރު ލިބިފައިވާ 33،000 އަށް ވުރެ ގިނަ ފޯމު ޕްރޮސެސް ކޮށް ނިމުމުން، އެ ޕާޓީގެ މެމްބަރުންގެ އަދަދު 80،000 އަށް ވުރެ މަތިވާނެ އެވެ.

އީސީގެ ދަފުުތަރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް މެމްބަރުން އެންމެ ގިނަ ޕާޓީ އަކީ އޭރު ވެރިކަން ކުރަމުން އައި ޕާޓީ، ޕީޕީއެމެވެ. އެއީ 48،129 އެވެ. ތިން ވަނަ އަށް އެންމެ ގިނައީ ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ މެމްބަރުންނެވެ. އެ ޕާޓީގައި އޭރު 10،648 މެމްބަރުން ތިއްބެވެ. ޖުމްހޫރީ ޕާޓީގައި ތިބީ 10،090 މެމްބަރުންނެވެ. އަދާލަތު ޕާޓީގައި ހިމެނެނީ 6795 މެމްބަރުންނެވެ.

ފާއިތުވި ދެ މަހުގެ ތެރޭގައި އެމްޑީޕީއަށް ގިނަ އަދަދެއްގެ މެމްބަރުންތަކެއް ސޮއިކޮށްފައި ވަނީ އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް، އެ ޕާޓީގެ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީއާ ދިމާކޮށެވެ. އެއީ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ ހުކުރު ދުވަހާ ހަމައަށް އެމްޑީޕީއާ ގުޅިފައިވާ މެމްބަރުންނަށް ކަމަށް ވާތީ އެވެ.