އިތުރު ތިން ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

ރާއްޖޭގެ ފަރާތުން ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި ކަނޑައަޅާ ތިން ބޭފުޅަކަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


ގާނޫނުއަސާސީގައިވާ ގޮތުން، ރާއްޖޭގެ ފަރާތުން ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުން ކަނޑައަޅުއްވާނީ ރައީސް އެވެ. އަދި އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވަން ޖެހޭއިރު، ރައީސް ކަނޑައެޅުއްވި ބޭފުޅުން، ސަފީރުންނަށް އައްޔަން ކުރެވޭނީ އެ ޖަލްސާއެއްގައި ތިއްބަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނަކީ:

1- ތައިލެންޑްގެ ސަފީރަކަށް މުހައްމަދު ޖިނާހު، މއ. ތިބްރޯޒް

2- ސައުދީ އަރަބިއްޔާގެ ސަފީރަކަށް މުހައްމަދު ޚަލީލް، ގ. އުތުރުގެއާގެ

3- ޗައިނާގެ ސަފީރަކަށް އައިޝަތު އަޒީމާ، މ. ބީނާފުށި

މީގެ ކުރިން، އަށް ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ވެސް ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވުމުން، އެ ކޮމިޓީން ވަނީ އެ ހުރިހާ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން ރުހުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް އަދި މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ އެވެ.