އެންމެ ގިނަ އެވޯޑުތައް މިފަހަރު ވެސް "މިހާރު" އަށް

މީޑިއާ ކައުންސިލުން ރާއްޖޭގެ ނޫސްވެރިންނަށް ކޮންމެ އަހަރަކު ވެސް ދޭ އެވޯޑުތަކުން މި އަހަރު ވެސް "މިހާރު"ގެ ނޫސްވެރިން ވިދާލައިފި އެވެ.


ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި ިމިދިޔަ އަހަރު އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ފަސް ކެޓަގަރީއަކުން "މިހާރު"ގެ ފަސް ނޫސްވެރިއަކު ވަނީ އެ ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިކަމުގެ އެވޯޑު ހޯދައިފަ އެވެ. އެއީ ފީޗާ ރައިޓިން، ކުޅިވަރު، އިޖުތިމާއީ ދާއިރާ އަދި ކޯޓުގެ ކަވަރޭޖާއި ވިޔަފާރި އެވެ.

އެމްއެމްސީ އިން ރޭ ނުވަ ކެޓަގަރީއަކުން އެވޯޑު ދިނެވެ. އެ ހުރިހާ އެވޯޑުތަކަށް "މިހާރު"ގެ ނޫސްވެރިން ނޮމިނޭޓްވި އިރު، އެއް މީޑިއާއަކަށް ބަލާއިރު އެންމެ ގިނަ އެވޯޑު ވެސް ހޯދީ "މިހާރު"ންނެވެ.

ފީޗާ ރައިޓިންގެ ދާއިރާ އިން އެވޯޑު ހޯދީ އައިމިނަތު ޝިފްލީނެވެ. އޭނާ އަކީ "މިހާރު"ގައި ތިބި ނޫސްވެރިންގެ ތެރެއިން ފީޗާ ލިޔުމަށް އެންމެ ކުޅަދާނަ އެއް ނޫސްވެރިޔާ އެވެ. މިދިޔަ އަހަރު އޭނާ ލިޔެފައިވާ ވަރަށް ގިނަ ފީޗާތަކަށް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވެގެން ގޮސްފައި ވެ އެވެ. މިއީ، ފީޗާ ރައިޓިންގައި ޝިފްލީންގެ ފުރަތަމަ އެވޯޑެވެ.

ޝިފްލީން އެވޯޑާ ހަވާލު ވަނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ކޯޓު ކަވަރު ކުރުމުގެ ދާއިރާ އިން މިދިޔަ އަހަރު އެންމެ ރަނގަޅު ނޫސްވެރިއަކަށް ހޮވުނު "މިހާރު"ގެ މުއިއްޒު އިބްރާހީމް މި އެވޯޑު މި ހޯދީ ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ. މި ދާއިރާގައި މި އެވޯޑު ދޭން ފެށި ފަހުން އެހެން އެއްވެސް ފަރާތަކަށް މި އެވޯޑު ލިބިފައެއް ނުވެ އެވެ. "މިހާރު"ގައި އޭނާ އަކީ ޝަރުއީ ދާއިރާ އަށް ހާއްސަކޮށްފައިވާ ނޫސްވެރިޔާ ކަމަށް ވާތީ، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ކޯޓުތަކުގައި ހިނގާފައިވާ ބޮޑެތި މައްސަލަތައް ވަރަށް ފުރިހަމަ އަށް ކަވަރުކޮށް، ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ވަރަށް ގިނަ ރިޕޯޓްތައް ވެސް ލިޔެފަ އެވެ.

މުއިއްޒު އެވޯޑާ ހަވާލު ވަނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ކުޅިވަރުގެ ދާއިރާ އިން މިދިޔަ އަހަރު މާކްސް އެއްވަރު ވެގެން ދެ ނޫސްވެރިއަކަށް އެވޯޑު ލިބުނުއިރު އޭގެ ތެރޭގައި ހިމެނުނު "މިހާރު"ގެ އައްޒާމް އަލިފުޅު މި އެވޯޑު މި ހޯދީ ޖެހިޖެހިގެން ތިން ވަނަ އަހަރެވެ. އައްޒާމް އަކީ "މިހާރު"ގެ ކުޅިވަރު ކަވަރު ކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ނޫސްވެރިއެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ބޮޑެތި މުބާރާތްތައް ކަވަރު ކުރުމުގައި އޭނާ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ބުރަކޮށް މަސައްކަތް ކޮށްފަ އެވެ.

އައްޒާމް އެވޯޑާ ހަވާލު ވަނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ވިޔަފާރީގެ ދާއިރާ އިން އެވޯޑު ހޯދީ "މިހާރު"ގެ އަބްދުﷲ ޖަމީލެވެ. މިއީ އޭނާގެ ފުރަތަމަ އެވޯޑެވެ. މިހާރުގެ ވިޔަފާރި ޑިޕާޓްމެންޓް ހިންގުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ރާއްޖޭގެ ވިޔަފާރީގެ އެކި ހަބަރުތަކާއި ވިޔަފާރީގެ ދާއިރާ އިން ވަރަށް ގިނަ ރިޕޯޓްތައް އޭނާ ވަނީ ލިޔެފަ އެވެ. ނޫސްވެރިކަމުގެ އެވޯޑު ލިބުނު އިރު އޭނާ ވަނީ، އަމިއްލަ ވިޔަފާރީގައި އުޅުމަށް ޓަކައި "މިހާރު"ން ދާދިފަހުން ވަކިވެފަ އެވެ.

ޖަމީލް އެވޯޑާ ހަވާލު ވަނީ -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އިޖުތިމާއީ ދާއިރާ އިން މިދިޔަ އަހަރު އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައި ވަނީ 2016 ގައި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހޯދި އަހުމަދު ސާއިލް އަލީ އެވެ. އޭނާ އަކީ އޭނާގެ އަމިއްލަ ޝައުގުވެރިކަމާ އެކު އިޖުތިމާއީ އެކި އެކި މައްސަލަތަކުގެ އެންމެ ފުނަށް ފީނައި، އާންމުންނާ ހަމައަށް އެ މައްސަލަތައް ތިލަކޮށްދޭ އެންމެ ހީވާގި އެއް ނޫސްވެރިޔާ އެވެ. އިޖުތިމާއީ ދާއިރާގެ ލިޔުންތަކުގެ އިތުރުން ސާއިލް އަކީ "މިހާރު"ގައި މިހާރު އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ނޫސްވެރިޔާ ވެސް މެ އެވެ.

ސާއިލް ރޭގެ އެވޯޑާ އެކު-- މިހާރު ފޮޓޯ: ހުސެއިން ވަހީދު

މީޑިއާ ކައުންސިލުންް 2013 ގައި އެވޯޑު ދޭން ފެށި ފަހުން، އެ އެވޯޑުގެ އެންމެ ގިނަ އެވޯޑުތައް ހޯދަމުން އައީ އޭރުގެ "ހަވީރު" އަދި މިހާރު "މިހާރު"ގެ ނޫސްވެރިންނެވެ.