އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ޝަހީމް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.


މީގެ 49 އަހަރުކުރިން އުފެއްދި ޖަމިއްޔާގެ އެސްޖީ ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީންގެ އެޑްވައިޒަރުގެ މަގާމާ ޝަހީމް ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހު އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް "މިހާރު"އާ ވާހަކަދައްކަވަމުން، ވިދާޅުވީ ރާއްޖެ ވެސް ހިމެނޭގޮތަށް އިސްލާމީ އުއްމަތަށް ހިދުމަތް ކުރުމާއި ބައިނަލްއަގުވާމީ ތަޖުރިބާ އަކީ މުހިއްމު އެއްޗެއް ކަމަށެވެ. އެ މަގާމު އަދާކުރެއްވުމަށް ބޭރަށް ވަޑައިގަތަސް ރާއްޖެއާ އޮންނަ ގުޅުމެއް ނުކެނޑޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް މަސައްކަތް ކުރައްވަން ހަމަޖައްސާފައި ވަނީ އޯއައިސީގެ ހެޑްކުއާޓަރު ހުންނަ ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ.

"ރާއްޖެ އާއި ރައްޔިތުންނަށް އަދި އިސްލާމީ ކަންކަމާއި ތައުލީމީ މުއައްސަސާތަކަށް އެހީތެރިކަން ހޯދައިދޭން މަސައްކަތް ކުރާނަން،" އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

ދުނިޔޭގެ 57 ގައުމު ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް މިދިޔަ މެއި މަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.