އީޔޫ އާއި ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަސައްކަތް ކުރަނީ

ރާއްޖެ އިން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.


މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ބައިނަލްއަގްވާމީ ބާޒާރުގައި އެކަށީގެންވާ އަގެއް ހޯދުމަކީ މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމަށާއި މިހާރު ޔޫރަޕަށް ރާއްޖެ އިން މަސް ބޭރުކުރަން 22 ޕަސެންޓްގެ ޑިއުޓީއެއް ދައްކަން ޖެހޭތީ އެއީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ބުރައެއް ކަމަށެވެ. އަދި އެކަމަށް މި ވަގުތު ހައްލެއް ގެނެވެން އޮތީ އިނގިިރޭސިވިލާތާއި އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭނެ ވަރުގެ ކަމެއް ނޫން. މިކަމަށް މި ވަގުތަށް އޮތް އެންމެ އެކަށޭނެ ހައްލަކީ މިހާރު ވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިހާދާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުން. އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ މަސްވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަހަށް ކުރިން ލިބުނު ޕްރިއަމްގެ ބޮޑު ބައެއް މިހާރު ވަނީ ގެއްލިފަ އެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި ވެސް ބޭރުގެ ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމުގެ މަޝްވަރާތައް ވެސް ސަރުކާރުން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިނގިރޭސިވިލާތާއި އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، ކުރީގެ ސަރުކާރުގައި ރާއްޖެއާ އެންމެ ގުޅުން ބަދަހިކުރި ޗައިނާއާ އެކު ވެސް ރާއްޖެ އިން އޮތީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދައިފަ އެވެ.