ރައީސްގެ ވާހަކަފުޅަކީ ޔަހޫދީންނާ ނަސޯރާއިންނަށް ދެއްވި ރައްދެއް، އޭގައި މައްސަލައެއް ނެތް: ބްރޯޑްކޮމް

މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި "ގެދޮރުވެރިކުރުމުގެ" ޖަލްސާގައި، އަހަރެމެންނަކީ ﷲގެ ދެ ވަނަ ދަރިން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ޔަހޫދިންނަށާއި ނަސޯރާއިންނަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށާއި އެ ކޮންޓެންޓް ބްރޯޑްކާސްޓްކުރީ ގާނޫނާ އެއްގޮތަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.


ކޮމިޝަނުން މިގޮތަށް ނިންމީ "އަހަރެމެންނަކީ ﷲގެ ދެ ވަނަ ދަރީންނެއް ނޫން. އަޅުގަނޑުމެންނަކީ އެހެން ގައުމުތަކުގައި ވެސް ތިބި ފަދަ އިންސާނުން" ކަމަށް ވިދާޅުވުމަކީ ﷲ ޝިރުކު ކުރެވޭ އަދި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފް ވާހަކަތަކެއް ކަމަށާއި އެ ވާހަކަ ޓީވީއެމް އިން ބްރޯޑްކާސްޓްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހެޅުމުންނެވެ.

ކޮމިޝަންގެ ނިންމުމުގައި ބުނެފައި ވަނީ ރައީސް އެ ވާހަކަފުޅުތައް ދެއްކެވީ ދާހިލީ ކަންކަމާބެހި ރާއްޖެ ތަރައްގީވެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޔަހޫދީންނާއި ނަސޯރާއިންނަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށެވެ. އެއީ ޔަހޫދީންނާއި ނަސާރާއިންގެ އަގީދާ އަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ދިން ރައުޔަށް ރިއާޔަތްކޮށް ބްރޯޑްކޮމް އިން ބުންޏެވެ.

"އަޅުގަނޑުމެން މަރުހަބާ ކިޔަނީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ދާހިލީ މައްސަލަތައް އިތުރަށް ގޯސްކުރަން މަސައްކަތްކުރާ ބަޔަކަށް ނޫން. ދިވެހިންގެ މިހާރު އެވަރު ހަކަތަޔާއި، އެވަރު ވިސްނުމާއި އަދި އެވަރު ހަމަޖެހުން އެބަހުރި. އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށް ނިންމޭވަރުގެ ގާބިލުކަން އިރާދަކުރެއްވިއްޔާ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައި ވަނީ. އަޅުގަނޑުމެންނަކީ ﷲގެ ދެވަނަ ދަރިންނެއް ނޫން. އަޅުގަނޑުމެންނަކީ އެހެން ގައުމުތަކުގައިވެސް ތިބިފަދަ އިންސާނުން. އެހެންވީމާ ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ދާހިލީ ކަންކަން ނިންމުމުގެ ފުރިހަމަ ގާބިލުކަން އެބައޮތް. އެކަންކަން ކުރުމުގެ ފުރިހަމަ އިހުތިސޯސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާނެ،" ގެދޮރޮވެރިކުުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން ބުނީ ރައީސްގެ ވާހަކަފުޅު ބްރޯޑްކާސްޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ މެމްބަރުން ނިންމާފައިވާ ކަމަށެވެ.