ޕާޓީތަކަށް ފައިސާ ނުދެވުމަކީ ކަންބޮޑުވުމެއް، ވަރަށް އަވަހަށް ފައިސާ ދޭނަން: އިލެކްޝަންސް

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދެވުމަކީ އިލެކްޝަންސް ކޮމިޝަންގެ ވެސް ކަންބޮޑުވުމެއް ކަމަށާއި އެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


މެމްބަޝިޕް ފޯމްތަކުގައި ފިންގަޕްރިންޓް ނުޖަހައި ހުރުމުން ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް ޕާޓީތަކުން މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެހެންވެ، މި އަހަރު ސިޔާސީ ޕާޓީތަކަށް ދޭން ބަޖެޓުން ކަނޑައެޅި ފައިސާ މިހާތަނަށް އައިއިރު އެއްވެސް ޕާޓީއަކަށް ނުދެ އެވެ. އަދި ފައިސާ ނުލިބި ލަސްވާތީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭން ޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރަ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އެ ކޮމިޝަނުން ވެސް އެންމެ ކަންބޮޑުވާ އެއް ކަމަކީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދޫނުކުރެވި ލަސްވުން ކަމަށެވެ. ނަމަވެސް އެ ފައިސާ ވީހާވެސް އަވަހަށް ދޭން މަސައްކަތް ކުރާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޯޓު އަމުރު އެގޮތަށް އޮތުމުގެ ސަބަބުން ބަންޑާރަ ނައިބުގެ ލަފައާ އެކު އެ ފައިސާ ވީހާވެސް އަވަހަކަށް ދޫކުރަން. ފައިސާ ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވެ ނިމިފައި އޮތީ - އަކްރަމް

މެންބާޝިޕްގެ ފިންގާ ޕްރިންޓާ ގުޅުން ހުރި ކަންކަން މަޑުޖައްސާލަން ކޯޓުން އަމުރު ކޮށްފައި އޮތީމަ އެކަމަށް ހައްލެއް ހޯދަން ކޮންމެހެން ބޭނުންވާތީ އިތުރަށް ކުރިއަށް ގެންދެވޭނީ ކޮން ގޮތަކަށްތޯ ބެލުމުގެ މަސައްކަތް މިހާރު ވެސް ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޯޓު އަމުރު އެގޮތަށް އޮތުމުގެ ސަބަބުން ބަންޑާރަ ނައިބުގެ ލަފައާ އެކު އެ ފައިސާ ވީހާވެސް އަވަހަކަށް ދޫކުރަން. ފައިސާ ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވެ ނިމިފައި އޮތީ،" އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި މި ފައިސާ ބަހާނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. މި އަހަރު ދައުލަތުގެ ބަޖެޓް 27 ބިލިއަނަށް އަރާއިރު ޕާޓީތަކަށް ފައިސާ ދޭނީ އެ އަދަދަށް ބަލައިގެންނެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅަން ޖެހޭ ފައިސާގެ އަދަދު މި އަހަރު 27 މިލިން ރުފިޔާ އަށް ވުރެ ބޮޑުވާނެ އެވެ.