ޔާމީންގެ ދިފާއުގައި ޕީޕީއެމުން މަގުމައްޗަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުތަކެއް އެމަނިކުފާނު މާދަމާ ފުލުސް ހާޒިރުކުރާތީ، އެކަމާ ދެކޮޅަށް ޕީޕީއެމްގެ ސަޕޯޓަރުން މިރޭ މަގުމައްޗަށް ނުކުމެއްޖެ އެވެ.


މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ފައިސާތަކެއް ޖަމާކުރެއްވި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާދަމާ މެންދުރު 2:00 އަށް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމް އޮފީސް ކައިރީގައި މަދު ބަޔަކާ އެކު މިހާރު ކުރިއަށް ގެންދާ އެއްވުމުގައި އިސްކޮށް ހުންނެވީ ޕީޕީއެމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ކުރިން ހުންނެވި އިބްރާހިމް މުއާޒް އަލީ އެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، މުއާޒް އިސްވެ، ހުންނަވައިގެން މީގެ ކުރިން ވެސް ސިލްސިލާ އެއްވުންތަކެއް ބޭއްވި އެވެ. އެކަމަކު، އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ އެއްވުންތައް ހުއްޓައިލި އެވެ.

މިރޭގެ އެއްވުމުގައި ބައިވެރިވި ބައެއް މީހުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެހެންވެ، މިއީ މިދިޔަ މަހުގެ 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެއްވުމެއް ބާއްވާ ފުރަތަމަ ރެ އެވެ.

ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު އެއްވުމުގައި ވިދާޅުވީ ޔާމީން "ގަން" ހިންގުވާ ތަން ބަލަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ޔާމީންގެ ފަހަތްޕުޅުން ހުރިހާ ރައްޔިތުން މާދަމާ ފުލުސް އޮފީހަށް ދާނެ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓްތަކުގައި ހިޔާނާތުގެ ފައިސާއެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މިރޭ ރަސްމީކޮށް ފެށިގެން ދަނީ ސިޔާސީ މަސައްކަތެވެ. އަދި އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމުން ކާމިޔާބުކޮށް، ވެރިކަމަށް އަލުން ޔާމީން ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވުމުގެ ބައިވެރިން ބުނި ގޮތުގައި، ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް، މައްސަލަ ތަހުގީގު ކުރަނީ ސަރުކާރުން ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގަ އެވެ. އަދި ޔާމީނާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނުދެއްކޭނެ ކަމަށް ވެސް އެމީހުން ބުންޏެވެ.

ކޮރަޕްޝަން ފޮހެލުމަށް އައި ސަރުކާރުގައި ތިއްބެވީ ކޮރަޕްޝަންގެ ތުހުމަތުތައް ބޮލުގައި އެޅިފައިވާ ބޭފުޅުން ކަމަށާއި އެކަމުން ވެސް ސަރުކާރުގެ "އުރަތްޕެއް" ނެތް ކަން ހާމަވަމުންދާ ކަމަށް އެމީހުން ބުންޏެވެ. އަދި ސަރުކާރަކީ ހަރަދުތައް ބޮޑު، "މަތިބަރު" ސަރުކާރެއްގެ ގޮތުގައި އެމީހުން ސިފަ ކުރި އެވެ.

ބައެއް މީހުން ބުނީ މާދަމާ ޔާމީނާ އެކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ތައްޔާރަށް ތިބި ކަމަށެވެ.

ފުލުހުން ރޭ ބުނީ ރައީސްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުސް އޮފީހުން އަޅަމުން އަންނަ ކަމަށް ބަޔާނުގައި ވެ އެވެ. އަދި ޔާމީނާ ދެކޮޅަށް އާ ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ފްރީޒް ވެސް ކޮށްފަ އެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވަނީ ކުރިން ފެންމަތިވެފަ އެވެ.