ކޮޗިން އެއާޕޯޓުގައި ތާށިވި ދިވެހިން އެތައް އިރެއް ފަހުން ހޮޓަލަކަށް ބަދަލުކޮށްފި

އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ނުފުރި ތާށިވެފައި ތިބި ދިވެހިން އެތައް އިރެއް ފަހުން ރޭ ފަތިހު ހޮޓަލަކަށް ބަދަލުކޮށްފި އެވެ.


ކޮޗިން އެއާޕޯޓުގައި 69 ދިވެއްސަކު ތާށިވެފައި ތިބީ އެ މީހުން ރާއްޖެ އަންނަން އޮތް ސްރީ ލަންކަން އެއާލައިންސްގެ މަތިންދާބޯޓުގެ މައްސަލައެއް ދިމާވެ، ނުފުރިގެންނެވެ. އެ ބޯޓުން 200 ވަރަކަށް މީހުން ދަތުރު ކުރަން އޮތެވެ. އިއްޔެ ހަވީރު ފުރަން އޮތް އެ ބޯޓު ފުރުން އެތައް ގަޑިއިރަކަށް ލަސްވިޔަސް، ފަސިންޖަރުން ތިބޭނެ ތަނެއް އެއާލައިންސުން ހަމަޖައްސައި ނުދިނުމުން ރޭ ފަތިހާ ހަމައަށް އެ މީހުން ތިބެން ޖެހުނީ އެއާޕޯޓުގަ އެވެ.

ކޮޗިން އެއާޕޯޓުގައި ހުރި ދިވެއްސަކު ބުނީ، އެއާޕޯޓުގައި ތިބޭތާ ގިނަ އިރުތަކެއް ފަހުން އެ މީހުން ހޮޓަލަށް ބަދަލުކުރީ ރޭ ފަތިހު ކަމަށެވެ. ހޮޓަލަކަށް ބަދަލުކުރީ ވެސް، ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުން އެގޮތަށް އެއާޕޯޓުގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހޭތީ އެކަމާ މެދު ފަސިންޖަރުން ޝަކުވާ ކުރާތާ އެތައް އިރެއް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އިއްޔެ މެންދުރުގެ ފަހުން ކާ އެއްޗެއް ނުވަތަ ފެން ވެސް ނުލިބި ތިބޭތާ އެތައް އިރެއް ފަހުން ފަތިހު 5:30 ހާއިރު ހޮޓަލަކަށް ބަދަލުކުރީ." އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބަހުގައި ޓްރިވެންޑްރަމަށް ގޮސް، އެހެން މަތިންދާބޯޓެއްގައި ރާއްޖެ އައުމަށް ސްރީ ލަންކަން އެއާލައިންސުން ފަސިންޖަރުންނަށް ހުށަހެޅި އެވެ. އެކަމަށް އެ މީހުން އިންކާރު ކުރީ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ފްލައިޓް ރަނގަޅު ކުރެވެންދެން މަޑު ކުރުން ނޫން ގޮތެއް ނެތް ކަމަށް އެއާލައިނުން ބުނި ކަމަށް އޭނާ ބުންޏެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގްވާމީ މިންގަނޑުތައް އޮންނަ ގޮތުން ވަކި ވަގުތަކަށް ވުރެ ފުރުން ލަސްވާ ނަމަ، ފަސިންޖަރުންނަށް އެކަމޮޑޭޝަނާއި ކެއުން ހަމަޖައްސައި ދޭން ޖެހޭނީ އެ އެއާލައިނަކުންނެވެ. އަދި ވަކި ވަގުތަކަށް ވުރެ ދަތުރު ދިގުވާ ނަމަ ކެއުން ވެސް ދޭން ޖެހެ އެވެ.