ތަރައްގީގެ ނަމުގައި ވެށި ގުރުބާނެއް ނުކުރާނަން: ރައީސް

ތަރައްގީގެ ނަމުގައި ވެށި ގުރުބާން ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ ފެހިކުރުމަށް ހިންގާ "ރަށް ފެހި" ހަރަކާތް ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ތިމާވެއްޓާ ބެހޭ ގާނޫނުތައް ފުރިހަމަ އަށް ތަންފީޒުކުރެވިގެން ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރަން އުފައްދާފައިވާ މުއައްސަސާތައް މިހާރަށްވުރެ ބާރުވެރިކުރުވައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދީގެންކަން ވެސް ފާހަގަކުރެއްވި އެވެ.

ތަރައްގީގެ ނަމުގައި ވެށި ގުރުބާން ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކުރީގެ ސަރުކާރުން ވަނީ އެކި މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަންތައްތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމުގެ މަޝްރޫއު ހިމެނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ބާރު އެންވަޔަރަމަންޓް މިނިސްޓްރީއަށް އަލުން ދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެއީ މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި ދިރާސާތައް ހެދުމަށް ވަރަށް މުހިއްމު ބަދަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެއް ރަށް ފެހިކުރުމަށްޓަަކައި އަނެއް ރަށުން ރުއް ގަސް ނެގުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށާއި ތަރައްގީ ގެންނަންވާނީ ގުދުރަތީގޮތުން ލައްވާފައިވާ ކަންކަން ނުގެއްލޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ތަރައްގީ އާއި ކުރިއެރުން ގެންނަންވާނީ ގުދުރަތީގޮތުން މި ވެށީގައި ލައްވާފައިވާ ވަޒަން ހަމަކަން ނުގެއްލޭގޮތަށް. އަޅުގަނޑުމެންނަކީ ތަރައްގީއަށްޓަކައި މި ރާއްޖޭގެ ގުދުރަތީ ވެށި ގުރުބާންކުރާނެ ބައެއް ނޫން. މި ސަރުކާރުގެ ތަރައްގީ ރައްޔިތުންނާ ބައްދަލުކުރާނީ ތިމާވެއްޓާ އެއްކީލިވާ ގޮތުގައި،" ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅަކުން ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އެއް ރަށާއި އެއް ފަޅު ހިމާޔަތްކުރާނެ ކަަމަށެވެ. އެއީ އެ އަތޮޅުގައި އޮންނަ ގުދުރަތީގޮތުން އެންމެ މުއްސަނދި ރަށާއި ފަޅަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮންމެ މީހަކު ވެސް އެ މީހެއްގެ ގޯތީގައި އެންމެ ގަހެއް ނަމަވެސް އިންދުމަށް އެދިވަޑައިގެންފަ އެވެ. ހާއްސަކޮށް ކާ އެއްޗިއްސާއި ފަތްފިލާވެލީގެ ބާވަތްތައް ހުންނަ ގަސްތައް އިންދުމަށާއި އެއީ ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކެއް ކަމަށް ވިދާޅުވި އެވެ.

"ޖަޒީރާވަންތަ ތަސައްވުރެއް ހާސިލްކުރެވޭނީ ދެމެހެއްޓެނިވި ގޮތުގައި މި ޕްރޮގްރާމް ހިންގައިގެން. އަޅުގަނޑުމެންގެ ރަށްރަށުގެ ފެހިކަން ދެމެހެއްޓުމުގެ މަސައްކަތްތަކެއް ދާއިމީގޮތެއްގައި ކޮށްގެން. މިއީ ތަރައްގީގެ ކޮންމެ ފިޔަވަޅަކާއެކު ހަނދާނުގައި ހަރުލައްވަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރަށް ފެހި ހަރަކާތް ފެށުމަށްފަހު ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 250 ރުއް ގަސް އިންދާފައި ވެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތަކާއި ހުސްބިންތަކުގައ 4000 އަށްވުރެ ގިނަ ރުއްގަސް އިންދާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ.