ރައީސްގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މީގެ އިރުކޮޅެއް ކުރިން އިންޑިއާ އަށް ވަޑައިގެންފި އެވެ.


އެމަނިކުފާނު މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ އާދަކާދައިގެ މަތިން، އިންޑިއާގެ ރައީސްގެ ރިޔާސީ ގަނޑުވަރު ރާސްތްރަޕަތީބަވަންގައި މާދަމާ ހެނދުނެވެ.

ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ތިއްބަވަނީ ވެސް ރިޔާސީ ގަނޑުވަރުގަ އެވެ. ރައީސްގެ ދެކަނބަލުން އިންޑިއާއަށް މި ވަޑައިގަތީ އިންޑިއާއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު އިންޑިއާއަށް ވަޑައިގަތުމުން، އެ ބޭފުޅުންގެ ޝަރަފްގައި ހުށަހެޅި ސަގާފީ އައިޓަމެއް ބައްލަވާލައްވަނީ.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ ވެސް މިރޭ ބައްދަލުކުރައްވާނެ އެވެ.

ރައީސާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނީ މާދަމާ އެވެ. އަދި އިންޑިއާގެ ރައީސާ ވެސް މާދަމާ ބައްދަލުކުރައްވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު ދިއްލީ އެއާޕޯޓުގައި.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

ރައީސްގެ އަރިހުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް އިންޑިއާއަށް ވަޑައިގަތެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހާއި މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވަފްދުގައި ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ވަޑައިގަންނަވާތީ، ދިއްލީގެ މަގެއްގައި އެމަނިކުފާނުގެ ފޮޓޯފުޅު ހަރުކޮށްފައި.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަންނަވާތީ، ދިއްލީގެ ބައެއް މަގުތަކުގައި "މަރުހަބާ" އަދި "ވަޑައިގެންނެވީތީ ޝުކުރިއްޔާ" ލިޔެ ރައީސްގެ ފޮޓޯފުޅުތައް ހަރުކޮށްފައި ހުއްޓެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރައްވާނެ އެންމެ މުހިންމު އެއްބަސްވުމަކީ ދިވެހިންނަށް އިންޑިއާ ވިސާގެ ލުއިކަން ހޯއްދަވައި ދެއްވުމުގެ އެއްބަސްވުން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.