މި ސަރަހައްދުގެ ސަލާމަތަށްޓަކައި އިންޑިއާއާ އެކު ބަދަހި ގުޅުމެއް އޮތުން މުހިންމު: ރައީސް

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާއާ އެކު ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގައި މިއަދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު އިންޑިއާއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ނިއު ދިއްލީގައި ދިރިއުޅޭ ބައެއް މީހުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެކިއެކި ބޭނުންތަކުގައި އިންޑިއާއަށް އަންނަ ދިވެހިންގެ ނިސްބަތް މަތިވާއިރު، ދެ ގައުމުގެ ގުޅުން ބަދަހިކުރުން ވަރަށް މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެންމެ މުހިންމީ ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅުން ބަދަހިކުރުމެވެ.

"އެ ގުޅުން ކެނޑިގެންދާ ފަދަ ކަމެއް އަޅުގަނޑުމެން ނުކުރާނަން. ވަކިން ޚާއްސަކޮށް މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިންޑިއާއާ އެކު ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަން ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއިން އަވަށްޓެރި ގައުމުތަކާ އެކު ގުޅުން ދަމަހައްޓާނީ ޚާރިޖީ ސިޔާސަތަށް ލޮޅުން ނާރާނެ ގޮތުގެ މަތިން ކަމަށެވެ.

ދިއްލީގައި ދިރިއުޅޭ ބައެއް އާއިލާތަކާ އެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

ދިއްލީގައި ހުންނަ އައިސީޓީ މައުރިޔާގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.

"އެގޮތުން ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުން އަޅުގަނޑުމެން ދަމަހައްޓާނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނުގެއްލޭ ގޮތުގެ މަތިން. ރާއްޖޭގެ އިގްތިސޯދީ ފުދުންތެރިކަން އިތުރު ކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެވަނަ ރުކުން. ރަހުމަތްތެރި ގައުމުތަކުން އިގްތިސޯދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނަން. ޚާއްސަކޮށް މިކަމުގައި އިންޑިއާގެ ހިއްސާ އަކީ އަގު ކުރެވޭ ވަރަށް ވުރެ ދީލަތި އެހީތަކެއް،" މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ދިއްލީގައި ދިރިއުޅޭ އާއިލާގެ ބަޔަކާ، އިންޑިއާގެ ސަފީރަކަށް ރޭ އައްޔަން ކުރެއްވި އާއިޝަތު މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

ރައީސް ވިދާޅުވީ، އިންޑިއާ އަކީ ރާއްޖެއާ އެންމެ ފުރަތަމަ ގުޅުން ގާއިމްކުރި އެއް ގައުމު ކަމަށާއި އެއީ ރާއްޖެއަށް އެންމެ ހެޔޮ އެދޭ އެންމެ ރަހުމަތްތެރި ގައުމު ކަމަށެވެ.

"މި ވެރިކަމުގައި ﷲގެ ވާގިފުޅާ އެކު، މި ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަ ވެގެންދާނެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހީނަރު ވެފައިވާ ރާއްޖެ-އިންޑިއާގެ ގުޅުން މި ވެރިކަމުގައި ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހިންނަށް އިންޑިއާއިން ދޭން ނިންމާފައިވާ ވިސާގެ ލުޔާ ބެހޭ ތަފްސީލްތައް ވެސް މިއަދު ހާމަކުރައްވައިފަ އެވެ.

އާ ވިސާ އެއްބަސްވުމާ އެކު ދިވެހިންނަށް ލިބޭނެ ފައިދާތައް:

- ޓޫރިޒަމާއި ބޭސްފަރުވާ އާއި ވިޔަފާރިއާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި 90 ދުވަހުގެ ވިސާ ލިބޭނެ. (ކޮންމެ ހަ މަހަކުން ގިނަވެގެން 90 ދުވަސް)

- ޓޫރިސްޓު ވިސާގައި އިންޑިއާއަށް އެތެރެވުމަށް ފަހު، ކުރިމަތިވާ ސިއްހީ ކުއްލި ކަމަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި މަޑުކުރަން ޖެހިއްޖެ ނަމަ، ރާއްޖެ ނައިސް މެޑިކަލް ވިސާ ހަމަޖެހޭނެ. އެ ހާލަތުގައި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ލިބޭނެ.

- ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވިސާ ދޫކުރާނެ. އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާ އެކު. - އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެ.

- އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ.

- އިންޑިއާގައި ކިޔަވަން ތިބޭ ބެލެނިވެރިންގެ 18 އަހަރުން ދަށުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ލިބޭނެ. - މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން (18 އަހަރުން ދަށް ނަމަ) އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސޭ ހަމަޖައްސައި ދޭނެ.

ރައީސް މިއަދު ވިދާޅުވީ، ވިސާގެ ބޮޑެތި ލުއިތަކެއް އިންޑިއާއިން ރާއްޖެއަށް ދިނުމަކީ ދިވެހިންނާ މެދު އެ ގައުމުން ނިންމި ވަރަށް ދީލަތި ނިންމުމެއް ކަމަށެވެ. އަދި އެއީ ދިވެހިންނާ މެދު އިންޑިއާގެ ސަރުކާރުގެ ހިތްހެޔޮކަނަ އެ ނިންމުމުން ރަމްޒު ކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އިންޑިއާއަށް ލިބޭ މާލީ މަންފާ އަކަށް ވުރެ ބޮޑަށް އިންޑިއާއިން ދިވެހިންނަށް ދިން ދީލަތި އެހީއެއް. މި ދީލަތި އެހީތެރިކަމަށްޓަކައި އިންޑިއާގެ މިއަދުގެ ޒައާމަތަށް، ވަކިން ޚާއްސަކޮށް ބޮޑުވަޒީރު މޮދީ އަށް ހުރިހާ ދިވެހިންގެ ނަމުގައި އަޅުގަނޑު ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ-އިންޑިއާގެ އާ ވިސާ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރުން އޮންނާނީ މާދަމާ އެވެ.

ރައީސް ވިދާޅުވީ، އަވަށްޓެރި ގައުމުތަކުގައި އުޅޭ ދިވެހިންނަށް، ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު އާސަންދައިގެ ޚިދުމަތް ދިނުމާއި އެހެން ގައުމުތަކަށް އެ ޚިދުމަތް ފުޅާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ފެށުމުގެ ކަންކަން ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އަމާޒެކެވެ. އަދި މިހާރު ލޯނު ނަގައިގެން ކިޔަަވާ ދަރިވަރުންގެ ލޯނު އަނބުރާ ދެއްކުމަށް ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.