ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންނަށް ރައީސްގެ ޚާއްސަ ނަސޭހަތްޕުޅެއް

ރާއްޖެއިން ބޭރުގައި އުޅޭއިރު ވެސް ދިވެހިންނަކީ މުސްލިމުންކަން ހަނދާންކޮށް ދީނީ ވާޖިބުތަކަށް ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.


އިންޑިއާ އަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނިއު ދިއްލީގައި ދިރިއުޅޭ ބައެއް އާއިލާތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ބޭރު ގައުމުތަކުގައި އުޅޭއިރު ދިވެހިން ސަމާލުވާންވީ ކަންކަން ހަނދާންކޮށް ދެއްވައި، އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

އެގޮތުން، އަގީދާ ބަލިކަށި ވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށާއި ރާއްޖެއިން ބޭރުގައި އުޅޭއިރު ވެސް ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އަޚެއް ކަން ހަނދާނުގައި ބެހެއްޓުމަށް ރައީސް އެދިވަޑައިގަތެވެ.

"ތިޔަބޭފުޅުން ތިޔަ ތިއްބެވީ ވަރަށް ބޮޑަށް ހުޅުވިފައި އޮތް މުޖުތަމައެއްގައި. އެތައް އާދަކާދަތަކާއި އެތައް ސަގާފަތެއް މިތަނުން އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެހެންކަމުން، މިތަނުގައި އުޅުމުގައި ވެސް ދަރިންގެ އުޅުން ހުންނަ ގޮތް ބަލައި، ދަރިންނަށް ރަނގަޅު މަގު ދައްކައި ދިނުމަކީ ބެލެނިވެރިންގެ ވަރަށް ބޮޑު ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ހުރިހާ ގޮތަކުން ވެސް އިންޑިއާ އަކީ ދިވެހިންގެ އެންމެ އެކުވެރި އެއް ގައުމެވެ. އަދި ރާއްޖެއިން އިންޑިއާއާ މެދު ދެކެނީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ދިވެހިންނަށް ބޮޑު ކަމެއް ދިމާވާ ކޮންމެ ވަގުތަކު އިޚުލާސްތެރިކަމާ އެކު އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތްދިއްކޮށްލަނީ މި އިންޑިއާ. ރާއްޖެ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި އެއް ހާދިސާއިން ރާއްޖެ ސަލާމަތް ކޮށްދީ، ރާއްޖޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް އެހީތެރިވެދިނީ އިންޑިއާއިން. އެކަން ދުވަހަކު ވެސް އަޅުގަނޑުމެންގެ ހިތަކުން ފިލައިގެނެއް ނުދާނެ. ކުރިމަގުގައި ވެސް ރާއްޖެއަށް އެހީތެރިވުމުގެ އިސް ސަފުގައި އިންޑިއާ އޮންނާނެ ކަމަށް ޔަގީން ކުރަން. އިރާދަކުރެއްވިއްޔާ މި ގުޅުން ދާނީ އިތުރަށް ބަދަހިވަމުން،" މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގައި ވާހަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މިރޭ ބައްދަލުކުރައްވާނެ އެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތްރަޕަވަތީ ބަވަންގައި މާދަމާ ހެނދުނެވެ.