ޔާމީންގެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި ޔޫކޭ އެމްޕީއަކަށް ރާއްޖޭގެ ރިސޯޓަކުން ހިލޭ ޗުއްޓީއެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިއާން ޕެއިޒްލީ އަށް ރާއްޖޭގެ އަގުބޮޑު ރިސޯޓަކުން ދަތުރެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.


"ބީބީސީ ސްޕޮޓްލައިޓް" އިން ބުނީ، 2016 ވަނަ އަހަރު ޕެއިޒްލީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފައި ވަނީ ސަރުކާރުންކަން ލިޔެކިޔުމުން އެނގޭ ކަމަވެ. އަދި އެ ދަތުރު ހަމަޖައްސާފައި ވަނީ ހުސެއިން ހިލްމީ (ސަންލޭންޑް ހިލްމީ) ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

ސަންލޭންޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ އެއް ހިއްސާދާރު ހިލްމީ ވަނީ މީގެ ދެ ހަފުތާ ކުރިން، ޗެކް ބައުންސް މައްސަލަތަކެއްގައި ފުލުހުން ހައްޔަރުކޮށްފަ އެވެ. އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕެއިޒްލީ ވިދާޅުވެފައި ވަނީ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ޚަރަދުގެ އެއްބައި ދެއްކެވީ އޭނާ ކަމަށާއި އަނެއް ބައި ދެއްކީ ރަހުމަތްތެރިއެއް ކަމަށެވެ. ނަމަވެސް އެ ވިދާޅުވާ ރަހުމަތްތެރިޔާގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީޔޫޕީ) އަށް ނިސްބަތްވާ ޕެއިޒްލީ 2013 ވަނަ އަހަރު ސްރީ ލަންކާއަށް ކުރެއްވި ދެ ދަތުރެއް ސިއްރުކޮށްފައި އޮތުމުން، ގާނޫނު ހަދާ މަޖިލީހުން އޭނާ 30 ދުވަހަށް ސަސްޕެންޑް ކުރި އެވެ.

ޕެއިލްޒްލީގެ ރާއްޖެ ދަތުރުގެ މައްސަލައިގައި ޑީޔޫޕީގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ އެފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

ރާއްޖޭގެ އަގުބޮޑު ރިސޯޓަކުން ޕެއިޒްލީ އަށް ހިލޭ ލިބުނު ޗުއްޓީގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުން މިހާރު ދަނީ އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި އޭނާ ޕާޓީން ވަކި ކުރުމަށް ވެސް ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ. ޕެއިޒްލީގެ ދަތުރަށް ދިޔަ ހަރަދުގެ ބައެއް ހަމަޖައްސައިދިން ކަމަށް އޭނާ ބުނާ ރަހުމަތްތެރިޔާގެ ނަން ހާމަކޮށްފައިނުވާތީ ވެސް ޕެއިޒްލީ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޕެއިޒްލީގެ މައްސަލަ އިނގިރޭސިވިލާތުގެ ޕާލަމެންޓަރީ ކޮމިޝަނާ ފޯ ސްޓޭންޑާޑްސް އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ބީބީސީން ބުނި ގޮތުގައި ޕެއިޒްލީ ރާއްޖޭގެ އަގުބޮޑު ރިސޯޓަކަށް ފަސް ދުވަހަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. ރިސޯޓުގެ ނަން ބީބީސީން ހާމަކޮށްފައި ނެތް ނަމަވެސް ބުނެފައި ވަނީ ޕެއިޒްލީ ރިސޯޓަށް ވަޑައިގެންނެވީ އޭނާގެ ދެ ދަރިކަލުންނާއި އަނބިކަނބަލުންނާ ވެސް އެކުގައި ކަމަށެވެ.

އދ. ގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔޭގެ ޕްރެޝަރު ވަރަށް ބޮޑަށް ރާއްޖެ އަށްއަމާޒުވެފައި އޮތް ވަގުތެއްގައި ޕެއިޒްލީ ވަނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ފެބްރުއަރީ، 2016 ގައި، ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފުދަކާއެކު ރާއްޖެ ވަޑައިގެންނެވި ޕެއިޒްލީ ވަނީ ރައީސް ޔާމީންގެ ސަރުކާރު ދިފާއުކޮށް އޭރު ވާހަކަ ދައްކަވައިފަ އެވެ.

ރާއްޖެއަށް ކުރި ދަތުރުގައި ޕެއިޒްލީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ބަންދުކޮށްފައި ބެހެއްޓި ގޮޅިއަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. އެ ޒިޔާރަތަށްފަހު ޕެއިޒްލީ އެތަން ސިފަ ކުރައްވާފައި ވަނީ "ލަގްޒަރީ" ތަނެއްގެ ގޮތުގަ އެވެ.