ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓުތަކަށް ހުރަހެއް ނެތް: ރައީސް

ރާއްޖޭގެ އިގްތިސޯދު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށާއި ފޮރިން އިންވެސްޓްމަންޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


އިންޑިއާށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ބޭއްވެވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި ހިމާޔަތް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ އިގްތިސޯދު ވަރަށް ބާރަށް އަންނަނީ ކުރިއަރަމުންނެވެ. އެއާ އެކު، ޓޫރިޒަމް ތަރައްގީ ކުރުމާއި އުމްރާނީ ބޮޑެތި މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި ރީޖަނަލް އެއާޕޯޓު ހެދުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސިއްހީ، ވިޔަފާރި، ތައުލީމް އަދި ޓޫރިޒަމްގެ ބޭނުމަށް ކޮންމެ އަހަރަކު އެތައް ސަތޭކަ ދިވެހިންނެއް އިންޑިއާއަށް ދަތުރުކުރެ އެވެ. އަދި ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ވަރަށް ގާތް ވިޔަފާރި ޕާޓްނަރެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާގެ ބައެއް ކުންފުނިތަކުގެ ސީއީއޯއިންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ނިއު ދިއްލީއަށް ވަޑައިގަތުމުން ބޭއްވި ބިޒްނަސް ފޯރަމްގައި އިންޑިއާގެ ކޮމާސް މިނިސްޓަރާއި އިންޑިއާގެ ޗެމްބާ އޮފް ކޮމާސްގެ ބައެއް އިސްވެރިން އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި އެވެ.

ފޯރަމަށް ފަހު، ބައެއް ވިޔަފާރިވެރިން ވަނީ ރާއްޖޭގެ ބައެއް ވަޒީރުންނާ ވަކިން ބައްދަލުކޮށް، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު އޮޅުން ފިލުވައިފަ އެވެ. އަދި ފޯރަމް ނިންމަވައިލެއްވުމަށް ފަހު، ރައީސް ހޯލުން ނުކުމެވަޑައިގަންނަވަން އުޅުއްވަނިކޮށް ގިނަ ވިޔަފާރިވެރިންތަކެއް ވަނީ އަމިއްލަ އަށް އެމަނިކުފާނަށް ތައާރަފުވެ، ރާއްޖޭގައި އިންވެސްޓް ކުރުމަށް މަރުހަބާ ކިޔާ ކަމަށް ދަންނަވައިފަ އެވެ.