އަބުރުގެ ގާނޫނުގެ ބޭނުން ކުރީގެ ދެ ރައީސުން ވެސް ނުހިއްޕަވާނެ!

އަބުރު ރައްކާތެރިކޮށްދިނުމަށް ކަމަށް ބުނެ ހިޔާލުފާޅު ކުރުން ހަނިކޮށްފައިވާ ގާނޫނުގެ ބޭނުން ނުހިއްޕަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


މި ދެބޭފުޅުން ވެސް އެހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ބަސް ބުނެ، ހިޔާލުފާޅު ކުރުމަކީ އިންސާނީ ތަބީއަތުގެ އެއް އަސާސް ކަމަށާއި އަބުރުގެ މައްސަލަ ހުށަހެޅުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅުއްވި ކަމަށް ދެކެވޭ ވާހަކަތައް ވެސް އެމަނިކުފާނު ދޮގުކުރެއްވި އެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަބުރާ ބެހުމުގެ ގާނޫނު ދީނީ ހަމަތަކާއި ގާނޫނު އަސާސީއާ ފުށުއަރާތީ އަޅުގަނޑު އަބރު ރައްކާތެރި ކުރުމަކަށް އެ ގާނޫނުގެ ދަށުން ދައުވާ ނުކުރާނަން" ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވި އިރު، ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެ ގާނޫނުގެ ދަށުން އަބުރުގެ ދައުވާ ނުކުރައްވާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާލުފާޅު ކުރުން ހަނިކުރާ ގާނޫނަކީ ގާނޫނުއަސާސީގެ ރޫހާ މުޅިން ހިލާފު ގާނޫނެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ގާނޫނަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ފާރިސް މިއަދު ކުރެއްވި ޓުވީޓު.

ރައީސް މައުމޫނާއި ރައީސް ނަޝީދު އެހެން ވިދާޅުވި އިރު އެ ދެ ބޭފުޅުންނަށް އަމާޒުވާ ގޮތަށް ވަރަށް ޒާތީ ރިޕޯޓެއް ޓީވީއެމުން ވަނީ ފޮނުވައިފަ އެވެ. އަދި ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އެ މައްސަލަ ކޮންމެވެސް ފަރާތަކުން ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ އޮންލައިނަކުން ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އަމިއްލަ މީހަކު މައްސަލައެއް ހުށަހަޅާފައިވާތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ބުނީ އަބުރުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނާ ކަމަށް ވާނަމަ، އެއީ ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާއެއް ކަމަށެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާގައި އޮތް ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭގޮތަށް ފާސްކޮށްފައިވާ ގާނޫނުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެކެވެ. އަދި އެ ލިޔުނު ނޫސް ރިޕޯޓަރާއި މީޑިއާއެއް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރާ ދައުލަތުގެ މުއައްސަސާއަށް ލިބިގެންވެ އެވެ.

މީގެ އިތުރުން ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ. ގާނޫނުގައި ވަނީ ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ ކަމަށް ވެސް ވެ އެވެ.

އަބުރާ ބެހުމަކީ ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ދައްކާ ހަރަކާތެއް، އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން ނުވަތަ އިހްސާސް ކުރެވޭ ކޮންމެ ބަހެއް ކަމަށް އެ ގާނޫނުގައި ލިއެފައިވެ އެވެ.