ރާއްޖެ އިން ހޮން ކޮންގަށް އެތެރެކުރި އެއް މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އިން ހޮންގް ކޮންގަށް އެތެރެކުރަން އުޅުނު އެއް މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ގައުމުން ބަޔަކު ހައްޔަރުކޮށްފި އެވެ.


ޗައިނާގެ ނޫހެއް ކަމަށްވާ ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނިގޮތުގައި ހޮން ކޮންގް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު އަތުލައިގެންފައި ވަނީ ހަތް ކިލޯގެ ކޮކެއިން އެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ޑޮލަރަށް އަރާނެ ކަމަށް ހޮންގް ކޮންގްގެ ކަމާބެހޭ އިދާރާތަކުން ލަފާ ކުރެ އެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހޮންގް ކޮންގަށް ނިސްބަތްވާ ދެ ފިރިހެނަކާއި އަންހެނަކު ކަމަށް އެ ޕޯސްޓުގައިވެ އެވެ. މަސްތުވާތަކެތި ފެނުނީ އެ ގައުމުގެ ކަސްޓަމްސް އިން އެ މީހުންގެ ލަގެޖްތައް ޗެކް ކުރަނިކޮށް ލަގެޖްގައި ފޮރުވާފައި ހުއްޓަ އެވެ.

ހޮން ކޮންގުގެ ނާކޮޓިކްސް ބިއުރޯގެ އިސް އޮފިޝަލަކު ސައުތު ޗައިނާ މޯނިން ޕޯސްޓަށް ވިދާޅުވީ އެ ތިން މީހުން ލައްވައި އެ މަސްތުވާތަކެތި އެތެރެ ކުރުވީ އެހެން ބަޔަކު ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެ ތިން މީހުން ރާއްޖެ އަށް ޒިޔާރަތްކޮށް، ޗުއްޓީ ހޭދަކުރުމަށް އެ މީހުންނަށް ބަޔަކު ފައިސާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އެ ނޫހުގައިވާ ގޮތުން އެ ތިން މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ދެ ފިރިހެނުންގެ މައްޗަށް އުފުލާފައި ވާއިރު، އަންހެން މީހާގެ މައްޗަށް ކުރަނީ އެކަން ރޭވުމުގެ ދައުވާ އެވެ. އެ މީހުން މިއަދުގެ ވަގުތެއްގައި ޝަރީއަތަށް ހާޒިރު ކުރާނެ ކަމަށް އެ ނޫހުގައިވެ އެވެ.

މަސްތުވާތަކެތި ހޮން ކޮންގަށް އެތެރެ ކުރުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ހޮން ކޮންގް ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ފަދަ ކުށެކެވެ.