އިންޑިޔާގެ އެހީ އަކީ ގައުމު އިތުރަށް ދަރަނިވެރިވާނެ އެއްޗެއް ނޫން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއަށް އެ ގައުމުން ދޭން ނިންމި 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީގެ ސަބަބުން ގައުމު ދަރަނިވެގެން ނުދާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.


"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ބޭނުންވަނީ މިއީ އިތުރަށް ގައުމު ދަރަނިވެރި ވާނެ ކަމެއް ނޫން ކަމަށް،" މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީގެ ދައުވަތަކަށް މިދިޔަ އާދިއްތަ ދުވަހުން އިއްޔެގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މޮދީ ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސަވައި ދެއްވިކަން އިއުލާން ކުރައްވައިފަ އެވެ.

އެ ދަތުރުފުޅަށް ފަހު، ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސްގައި އިންޑިއާގެ އެހީގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، 1.4 ބިލިއަން ޑޮލަރުގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓު ސަޕޯޓު ކަމަށެވެ. އެ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަނެއް 150 މިލިއަން ޑޮލަރަކީ ރާއްޖޭގެ ޓީ ބިލަށް އިންޑިއާއިން ކުރާ އިންވެސްޓްމަންޓު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މިދިޔަ ސަރުކާރުން ޓީ ބިލް ވިއްކާފައި ހުރި ވަރަށް ބޮޑު އިންޓަރެސްޓް ރޭޓެއްގައި. ފަސް ޕަސެންޓް، ހަ ޕަސެންޓް، އަށް ޕަސެންޓު ރޭޓުގައި. އެހެން ނަމަވެސް އިންޑިއާ އާއި އަޅުގަނޑުމެންނާ އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ބޮންޑާއި ޓީ ބިލަށް [އިންޓަރެސްޓް ރޭޓަށް] ނަގާނީ 1.5 ޕަސެންޓް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރާ އެކު.---ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ ރިޒާވް ހަރުދަނާ ކުރުމަށް 400 މިލިއަން ޑޮލަރާ ހަމައަށް ކަރެންސީ ސްވެޕެއް ހެދުމަށް އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ. ކަރެންސީ ސްވެޕަކީ ދިވެހި ފައިސާ ދިނުމަށް ފަހު އެމެރިކާ ޑޮލަރު ހޯދުމެވެ. ރައީސް ވިދާޅުވީ، އޭގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި 800 މިލިއަން ޑޮލަރާ ހަމައަށް ލައިން އޮފް ކްރެޑިޓެއް އިންޑިއާއިން ހުޅުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ މާނަ އަކީ އަޅުގަނޑުމެން ގަނޑުކޮށް 800 މިލިއަން ޑޮލަރު ނަގައި، ދަރަނިވެރިވާ ވާހަކަައެއް ނޫން. އޭގެ ބަަދަލުގައި ސަރުކާރުން ކަނޑަޅާ ތަރައްގީގެ މަޝްރޫއެއް ހުށަހެޅުމުން އެ މަޝްރޫއަކަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި އިންޑިއާއިން ދޭނެ. މި ގޮތަށް ނަގާ ލޯނަކީ ވަރަށް ކޮންޑިޝަނަލް ޓާމްސްއެއްގައި ނަގާ ލޯނެއް. މިގޮތަށް ނަގާ ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ނަގާއިރު ދިވެހި ޕާޓީއެއް ހުރުން ކޮންމެހެން ލާޒިމް ކަމަށް ވެސް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި،" ވެރިކަމާ ހަވާލުވެވޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ މައުލޫމާތު އާންމު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލިދާ ފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން އިންޑިއާ އެކު އެއްބަސްވެފައި ނޯންނާނެ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ނުވަތަ ރާއްޖޭގައި ބޭރުގެ ސިފައިންގެ ފައުޖެއް ބޭތިއްބުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އިންޑިއާގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާށް ދާން ބޭނުންވާ ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއް ހަމަޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ އިންޑިއާ އަކީ އަބަދުވެސް ދިވެހިންނާ ވަރަށް ގާތްގުޅުމެއް ބާއްވާ، ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ބައެއް. ރާއްޖޭގެ ހާލަތު އޮތް ގޮތް އިންޑިއާއަށް އެނގޭ. އަޅުގަނޑު ދެކޭގޮތުގައި އިންޑިއާއިން [ރާއްޖެއަށް] ދޭން މި އެއްބަސްވެފައިވާ އެހީގެ އެއްބަސްވުމަކީ މި ދެންނެވި ސަބަބުތަކަށްޓަކައި ރާއްޖެއަށް ހެޔޮއެދޭ ގައުމެއްގެ ގޮތުން، ދިވެހިންނަށް ހެޔޮ ގޮތްތައް އެދޭ ބައެއްގެ ގޮތުން ނިންމި ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.