ލޯނު ނެގުމާ އެއްވެސް އިރަކު ދެކޮޅެއް ނޫން: ރައީސް

ތަރައްގީގެ އެކި ކަންކަމަށް ލޯނު ނެގުމާ އެމަނިކުފާނު އެއްވެސް އިރެއްގައި ދެކޮޅު ނޫން ކަމަށާއި މައްސަލަ އަކީ ބޮޑެތި އިންޓަރެސްޓް ރޭޓްތަކުގައި އަދި އަނބުރައި ނުދެއްކޭ މިންވަރުގެ ބޮޑެތި ލޯނުތައް ނެގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔާފައިވާއިރު، ބޭރުގެ ގައުމުތަކުން ލޯނުތައް ނަގައިގެން ނޫނިއްޔާ އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މިހާރު ގަބޫލުފުޅު ކުރައްވަންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ ލޯނުތައް ނެގުމާ އެއްވެސް އިރެއްގައި އެމަނިކުފާނު ދެކޮޅު ނުހައްދަވާ ކަމަށެވެ.

"މިސާލަކަށް ހަ ޕަސެންޓް، އަށް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި [ލޯނު] ނަގައި ފަސް އަހަރުން 10 އަހަރުން އެ ދައްކަން ޖެހުނީމާ އެއީ ބަޖެޓަށް ކުރާ ބޮޑު ބުރައެއް،" ދައުލަތަށް ބުރަވާ ގޮތަށް ލޯނު ނެގުމާ ދެކޮޅުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިގޮތުގައި އެމަނިކުފާނު މިދިޔަ އާދިއްތަ ދުވަހުން އިއްޔެގެ ނިޔަލަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން ރާއްޖެއަށް ދޭން އެއްބަސްވި 1.4 ބިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓު ވަރަށް ބޮޑަށް ކުޑަވާނެ އެވެ. އަދި ލޯނު އަނބުރައި ދައްކަންޖެހޭ މުއްދަތު ވަރަށް ބޮޑަށް ދިގުވާނެ ކަމަށް ވިދާޅުވި އެވެ. އިންޑިއާ އިން ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ހަމަޖައްސައިދިނީ 1.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭއްވެވި ނިއުސް ބްރީފިންގައި ނޫސްވެރިއަކު އެމަނިކުފާނަށް ސުވާލެއް ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"...އަދި ގްރޭސްޕީރިއަޑަށް ވެސް ފުދޭވަރެއްގެ މުއްދަތެއް ލިބިގެންދާނެ. އެހެންވީމާ ލޯނު ނެގުމެއް ނޫން މީގައި މައްސަލަ އަކީ. ބަޖެޓަށް ބުރަ ނުވާ ގޮތަށް، ލިބޭ އާމްދަނީން އެ ދެއްކޭ ގޮތަށް، އިންޓަރެސްޓް ލުއިކޮށް އެކަން ކުރުން. އޭގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އުނދަގުލަކީ އެ ދެއްވާފައި ހުރި ސޮވެރިން ގެރެންޓީ. އެ ވެސް އެންމެ ފަހުން ބޮލުގައި އެޅެނީ ދައުލަތުގައި. ރައްޔިތުންގެ ބޮލުގައި. އެ ހުރީ ވަރަށް ބޮޑު ރޭޓުތަކުގައި ދީފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު ޔާމީންގެ ސަރުކާރުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީގެ އަދަދު ހަތަރު ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެކި މީސްމީހުންގެ އަތުން އެޑްވާންސަށް ފައިސާ ނަގާފައިވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕޭޕާ ކުންފުނިތަކަށް އެބަހުރި ސޮވެރިން ގެރެންޓީ ދީފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ތަރައްގީގެ އެކި ކަންކަމަށް ލޯނު ނެގުމާ ދެކޮޅު ނޫން ކަމަށް ރައީސް ވިދާޅުވިއިރު، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގެން، 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިވެހި ސަރުކާރަށް ހަމަޖެއްސުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަބަބަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްގެ ތެރޭގައި ބޮޑު ލޯނެއް ނެންގެވުމެވެ.

ނަމަވެސް، ރައީސް މިއަދު ވިދާޅުވީ އިންޑިއާގެ މާލީ އެހީގެ ސަބަބުން ގައުމު ދަރަނިވެގެން ނުދާނެ ކަމަށެވެ.

އެ ދަތުރުފުޅަށް ފަހު، އިންޑިއާގެ އެހީގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، 1.4 ބިލިއަން ޑޮލަރުގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓު ސަޕޯޓު ކަމަށެވެ. އެ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަނެއް 150 މިލިއަން ޑޮލަރަކީ ރާއްޖޭގެ ޓީ ބިލަށް އިންޑިއާއިން ކުރާ އިންވެސްޓްމަންޓު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ ރިޒާވް ހަރުދަނާ ކުރުމަށް 400 މިލިއަން ޑޮލަރާ ހަމައަށް ކަރެންސީ ސްވެޕެއް ހެދުމަށް އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ. އަދި ރާއްޖެއިން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި 800 މިލިއަން ޑޮލަރާ ހަމައަށް ލައިން އޮފް ކްރެޑިޓެއް އިންޑިއާއިން ހުޅުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.