މުޒާހަރާއަކީ ކޯލިޝަން ރޫޅެން އުޅޭ ކަމުގެ ނިޝާނެއް: ޑރ. ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުންގެ މަޝްވަރާއާ ގުޅުވައި މުޒާހަރާކުރުމަކީ ސަރުކާރު ހިންގާ ކޯލިޝަން ބައިބައިވުމުގެ ނިޝާނެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު، ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީސް އިންތިޚާބާ މެދު ޕާޓީތަކުގެ ވިސްނުން ހުރި ގޮތާ މެދު ކަންބޮޑުވުންފާޅުކޮށް، ސިޔާސީ ލީޑަރުން ކުރިމަތީގައި އިއްޔެ މުޒާހަރާކުރީ، ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިންނެވެ. މުޒާހަރާގެ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ އެއީ، ކޯލިޝަން ރޫޅުމުގެ ފުރަތަމަ ނިޝާން ކަމަށެވެ. އަދި "އެންމެންގެ ބައިވެރިވުމާއެކު ވެރިކަމަށް އައިސް ރައްޔިތުން ކުރި އިތުބާރު ނަގާ ނުލާނީ ކޮން އިރަކުންތޯ" ޖަމީލް ވަނީ ސުވާލު ކުރައްވައިފަ އެވެ.

ޖަމީލުގެ ޓުވީޓު:

ޖަމީލް ވިދާޅުވެފައި ވަނީ އެއީ، "ފަރުވާތެރިކަމާއެކު ރާވައިގެން ކޮށްފައިވާ މުޒާހަރާއެއް" ކަމަށެވެ. އަދި އެކަމަކީ ސިޔާސީ ކުރިމަތިލުންތަކެއްގެ ފެށުންތޯ ވެސް އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފަ އެވެ.

ކޯލިޝަނާ މެދު ޖަމީލް ސުވާލު އުފައްދަވާފައި މި ވަނީ ކޯލިޝަން ތެރޭގައި ދެ ބަސްވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރުމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ބޭނުން ވަނީ ކޯލިޝަންގެ ހުރިހާ ޕާޓީތައް އެއްބަސްވެގެން، ބަހާލައިގެން ދާއިރާތަކަށް ވާދަ ކުރާށެވެ.

އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުން ނޯންނަ، ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ، ނަވާނަވައިން އިއްޔެ މުޒާހަރާ ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސުން މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދެއްކެވި ވަގުތެވެ.

ހޮޓެލް ޖެންގައި ސިޔާސީ ލީޑަރުން ބައްދަލު ކުރެއްވުމަށްފަހު އެތަނުގައި ލޮބީގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނިކޮށް ނަވާނަވައިން މުޒާހަރާކުރީ، އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތަކާއެކު ވަދެ އެވެ. ނަވާނަވައިން ގެންގުޅުނު ބައެއް ބޯޑުތަކުގައި "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތް" ކުރުމަށް ގޮވާލައިފައިވެ އެވެ. އަދި މަޖިލިހުގެ ގޮނޑިތައް ގަނެ ވިއްކުމާއި މެންބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ވެސް ނަވާނަވައިން އިއްޔެގެ މުޒާހަރާގައި ގޮވާލާފައިވެ އެވެ.