މުޒާހަރާ ކުރީ އެއްވެސް ޕާޓީއަކާ ގުޅިގެންނެއް ނޫން: ނަވާނަވައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުންގެ ކުރިމަތީގައި މުޒާހަރާކުރީ އެއްވެސް ޕާޓީއަކާ ގުޅިގެން ނޫން ކަމަށް ނަވާނަވައިން މިރޭ ބުނެފި އެވެ.


ނަވާނަވައިން މުޒާހަރާ ކުރުމުން އެކަމާ ވަރަށް ގިނަ ބަޔަކު ދިޔައީ ހިޔާލުފާޅު ކުރަމުންނެވެ. ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މުޒާހަރާ އަކީ ސަރުކާރު ކޯލިޝަން ރޫޅުމުގެ ނިޝާނެއް ކަމަށެވެ. ޖަމީލް ވިދާޅުވެފައި ވަނީ އެއީ، "ފަރުވާތެރިކަމާއެކު ރާވައިގެން ކޮށްފައިވާ މުޒާހަރާއެއް" ކަމަށެވެ. އަދި އެކަމަކީ ސިޔާސީ ކުރިމަތިލުންތަކެއްގެ ފެށުންތޯ ވެސް އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފަ އެވެ.

ވައަތު ފިޔައިގެ ސިޔާސީ ހަރަކާތެއް ގޮތަށް ސިފަ ކުރާ ނަވާނަވައިގެ ތަރުޖަމާނު ފާތިފަތު ސާއިރާ މިރޭ ވިދާޅުވީ އެއީ، ވަކި ޕާޓީއަކާ ގުޅުން އޮތް ބައެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް ހަގީގަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މިހާރު ހުރި ހުރިހާ ސިޔާސީ ޕާޓީތަކަކީ ވެސް ވަކި މީހެއް ނުވަތަ ވަކި ބަޔަކު ވަށައިގެން އެނބުރޭ ފިކުރުތަކެއް ނުވަތަ ޕާޓީތަކެއް. އެ މީހުންނާ ރައްޔިތުންނާ ވަރަށް ގުޅުން ކުޑަ،" ސާއިރާ ވިދާޅުވި އެވެ.

https://mihaaru.com/news/47504

ނަވާނަވައިން ބުރާސްފަތިދުވަހު މުޒާހަރާކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދެއްކެވި ވަގުތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ހަތަރު ލީޑަރުން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެބޭފުޅުންގެ ކުރިމަތީގައި ބޯޑުތައް ހިފަހައްޓައިގެން ތިބޭ މިރޭ އިރާކޮޅު ޝުއޫރު ފާޅުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮޓެލް ޖެންގައި ސިޔާސީ ލީޑަރުން ބައްދަލު ކުރެއްވުމަށްފަހު އެތަނުގައި ލޮބީގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނިކޮށް ނަވާނަވައިން މުޒާހަރާކުރީ، އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތަކާއެކު ވަދެ އެވެ. ނަވާނަވައިން ގެންގުޅުނު ބައެއް ބޯޑުތަކުގައި "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތް" ކުރުމަށް ގޮވާލައިފައިވެ އެވެ. އަދި މަޖިލިހުގެ ގޮނޑިތައް ގަނެ ވިއްކުމާއި މެންބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ވެސް ނަވާނަވައިން އިއްޔެގެ މުޒާހަރާގައި ގޮވާލާފައިވެ އެވެ.

ސާއިރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހުމާމެދު ސިޔާސީ ލީޑަރުން ގޮތެއް ނިންމުމަކީ އިންސާފު ގޮތެއް ނޫން ކަމަށް ނަވާނަވައިން ދެކޭ ކަމަށެވެ. ބުރާސްފަތި ދުވަހު މުޒާހަރާ ކުރީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަސް ފިރިހެނަކު އަދި ހާއްސަކޮށް އިންތިހާބު ކުރެވިފައިވާ މަގާމެއްގައި ނުވެސް ނެތް ބަޔަކު އަހަރުމެން އެންމެންގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކާ މެދު ގޮތެއް ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް. މި ފަސް ޕާޓީގެ މެންބަރުން އެއްކޮށްލައިގެން ގުނީމަ ވެސް ގިނައީ މި ޕާޓީތަކާ ނުގުޅޭ ރައްޔިތުން އަދަދު،" ސާއިރާ ވިދާޅުވި އެވެ.

ކޯލިޝަނާ މެދު ޖަމީލް ސުވާލު އުފައްދަވާފައި މި ވަނީ ކޯލިޝަން ތެރޭގައި ދެ ބަސްވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރުމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ބޭނުން ވަނީ ކޯލިޝަންގެ ހުރިހާ ޕާޓީތައް އެއްބަސްވެގެން، ބަހާލައިގެން ދާއިރާތަކަށް ވާދަ ކުރާށެވެ.