ޑރ. ޖަމީލް ވިލިމާލެ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިލިމާލެ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރު ކަން ކުރެއްވި ޖަމީލް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތް ފެށުން މާ ބޮޑަށް ވެސް ލަސްވެފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ރޭ ކުރެއްވި ޓުވީޓު.

ޖަމީލް "މިހާރު" އަށް މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް މަޖިލީހުގެ ތެރެއިން ފުއްދައި ދިނުމަށް އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ސިޔާސީ މަސައްކަތް ކުރެވޭނެ އެއް މާހައުލަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެހެންވެ، އެކަން ފުރިހަމަ ކުރުމަށް މަޖިލީހަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ކޯލިޝަން ސަރުކާރެއް އައުމަށް އެޅުނު އެންމެ ފުރަތަމަ ފައުންޑޭޝަނަކީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އެވެ. އިދިކޮޅު އިއްތިހާދުގެ ނަމުގައި އުފެދުނު އެމްޔޫއޯގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވީ ވެސް ޖަމީލެވެ. އޭނާ ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއް އުފެދުނީ ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

އެހެންވެ، އެ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ސަރުކާރުގެ ވައުދުތައް ފުއްދައި ދިނުމަށާއި ރާއްޖެ އަށް ތަރައްގީ ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން،" ޖަމީލް ވިދާޅުވި އެވެ.

ވިލިމާލެ އަށް އިޝާރާތް ކުރައްވާ، ޖަމީލް ވިދާޅުވީ އެ ރަށަކީ ކޮންމެހެން ވެސް ތަރައްގީ ބޭނުންވާ ރަށެއް ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި ކުރަހާ ޗާޓުގައި، މާލެ އާއި ވިލިމާލެ އަދި ތިލަފުށި ބްރިޖަކުން ގުޅާލައި، ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހެދުމަކީ ގެންގުޅޭ ތަސައްވުރެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ މަޖިލީހުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ހައްގުތައް ދިފާއުކޮށްދިނުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބީވެގެން ދިޔަ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަން ކުރައްވާ، ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސެވެ. ޖަމީލް، ނައިބު ރައީސް ކަމުން ވަކި ކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ ވަނީ ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

ޖަމީލް އެނބުރި ރާއްޖެ ވަޑައިގަތީ، ޔާމީނަށް ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއާ ކުރިމަތިވި ފަހުންނެވެ. އޭގެ ކުރިން، ޖަމީލް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޖަމީލް ކުރިން ވަނީ މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަމާއި ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ނަޝީދަށް ފަހު ވެރިކަން ލިބިވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖަމީލް އަދާކުރެއްވީ ހޯމް މިނިސްޓަރުކަމެވެ.