މިނިސްޓަރުންގެ ނައިބުންނަށް އަށް ބޭފުޅަކު ހަމަޖައްސައިފި

މިނިސްޓަރުންގެ ނައިބުންގެ މަގާމަށް އަށް ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެ އައްޔަން ކުރައްވައިފި އެވެ.


އެ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ވަނަވަރު ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރެއްވީ އދ. މާމިގިލީ، ކީރަންމާގޭ، އަސްއަދު ރިޒާ ގިނަ އަހަރުތަކެއް ވަންދެން އެ ދާއިރާގައި މަސައްކަތް ކުރެއްވާފައި ކަމަށެވެ. އޭނާއަކީ އެ ދާއިރާ އިން މާސްޓާސް ފެންވަރަށް ކިޔަވައިގެން ހުންނެވި ބޭފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އެ ދާއިރާ އިން ކިޔަވައިގެން ހުންނެވި ލ. ގަން، މަތިމަރަދޫ، ފަޒާ، ފާތިމަތު ޝަހީދާ އެވެ.

ޔޫތު މިނިސްޓަރުގެ ނައިބުކަން ދެއްވި ބ. ތުޅާދޫ، ނީސް، އަބްދުﷲ އަނީސް އަކީ ވިޔަފާރީގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރު އެކައުންޓިންގެ ދާއިރާ އިން ކިޔަވަމުން އަންނަ ބޭފުޅެކެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ނައިބަކަށް ނ. ޅޮހީ، އޯކިޑުމާގެ، އަހްމަދު އިބްރާހީމް ވަނީ އައްޔަންކުރައްވައިފަ އެވެ. އޭނާ ވަނީ އެ މިނިސްޓްރީގައި އެގްޒެކެޓިވް ކޯޑިނޭޓަރުކަމާއި ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެންވަޔަރަމެންޓް މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރެއްވި ގ، ހަނިމާދޫއާގޭ، އަހްމަދު ޒިޔާން އަބްދުއްރަހްމާން ވަނީ ހޮޓެލް ކޭޓަރިންގް އެންޑް އިންސްޓިޓިއުޝަނަލް އޮފަރޭޝަންސް ދާއިރާއިން ޑިޕޮލަމާ ނަންގަވާފައި ކަމަށެވެ.

އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި ވ. ކެއްކުރި، ވަލީދާ ވަލީދަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރެއްވި ބޭފުޅެއް ކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ހެލްތު މިނިސްޓަރުގެ ނައިބުކަން ދެއްވި ގއ. ދާންދޫ، ހަނދުވަރީވާދީ، ނިޝާމާ މުހައްމަދަކީ، ރައީސް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ ސިއްހީ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި ޓީވީއެމްގެ ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން އެވެ. އޭނާ ވަނީ ބެޗެލަ އޮފް އާޓްސްގެ ދާއިރާ އިން ތައުލީމު ހާސިލުކުރައްވާފަ އެވެ.

މިހާތަނަށް މި ސަރުކާރުގެ މިނިސްޓަރުންގެ ނައިބުންގެ އަދަދު ވަނީ 49 އަށް އަރައިފަ އެވެ. އެ މަގާމު މުސާރައަކީ މަހަކު 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.